ދިވެހިރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކު އުޅޭ ތަނަކާއި، އުޅޭ ގޮތުގެ އިތުރުން ކުރާ މަސައްކަތް ދިވެހި ސަރުކާރަށް މިހާރު ސާފުކޮށް އެނގޭނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ، ކުރީގެ އިދިކޮޅު ސަރުކާރުތަކަށް ބިދޭސީންގެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ މައްސަލަ ހައްލުކުރައްވައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ފިންގަރޕްރިންޓް ނަގައި ނިމިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބިދޭސީން ރައްކާތެރިކަމާއެކު އުޅެވޭނެ ހަރުދަނާ ނިޒާމެއް މިހާރު ގާއިމުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބަހުސްގައި އިބްރާހީމް ހުސައިން ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި އިދިކޮޅު އެމްޑީޕީގެ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން، ނިމިދިޔަ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮވެ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އޮތީ ކުރިއަށް ނުގެންގޮސް "ޕާކްކޮށްފައި" ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުން އެދުނު ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާކޮށް އެކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި، މީކާއީލްގެ ވާހަކަތަކުން ދޭހަވަނީ އެ ޕާސްޕޯޓު މަނާކޮށްފައި އޮތް އޮތުން ނައްތާލަން ބޭނުންވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ޕާސްޕޯޓުގެ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދިވެހި ޕާސްޕޯޓަކީ މިހާރުވެސް ގިނަ ގައުމުތަކަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ މަގުބޫލު ޕާސްޕޯޓެއް ކަމަށާއި، މި ބިލުގެ ސަބަބުން ދިވެހި ޕާސްޕޯޓު އިތުރަށް ހަރުދަނާވެ، ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތައް އިތުރުވެގެންދާނެ ކަމަށެވެ.






