ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު ވަޑައިގެންނެވީ ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރައްވައިގެން ކަމަށާއި، އަތްޕުޅުގައި އޮތް ދަބަހަކީ ކުޅިވަރު ސާމާނު އަޅާފައިވާ ދަބަހެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިކަން ހާމަކުރެއްވީ އެމަނިކުފާނު މަޖިލިސް އިދާރާއަށް ވަޑައިގެންނެވި ގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، އެޓަރނީ ޖެނެރަލްއާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭ ވަޑައިގެންނެވީ، ބައެއް މެންބަރުންގެ އެދިވަޑައިގަތުމަކަށް ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދެއްވުމަށް ކަމަށެވެ. އަދި އެ ބައްދަލުވުން ހަމަޖެހިފައި އޮތް ގަޑިއަކީ އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށްފަހު ވަޑައިގެންނެވި ވަގުތާ ދިމާވި ގަޑިއަކަށް ވުމުން، ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް މަޖިލީހަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ދަބަސް މަޖިލީހުގެ ސެކިއުރިޓީ ސްކޭނަރުން ސްކޭންކޮށް، ޗެކްކޮށްފައިވާނެ ކަމަށާއި، ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވީ ވެސް އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެތަނަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ، އަދި ސީސީޓީވީ ކެމެރާއާއި، ލަގެޖް ސްކޭނަރ އަދި ބޮޑީ ސްކޭނަރު މެދުވެރިކޮށް ފުރިހަމަ ސެކިއުރިޓީއެއް ބަލަހައްޓާ ތަނެއް ކަމަށެވެ. އަދި ދައުލަތުގެ ވަޒީރަކަށް ވީނަމަވެސް މަޖިލީހަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން، ކުރިން ހުއްދަ ހޯދައިގެން ކަމަށާއި، އެމަނިކުފާނުވެސް މަޖިލީހަށް ވަޑައިގެންނެވީ މި ހުރިހާ އުސޫލުތަކަކާއި ސަލާމަތީ މިންގަނޑުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.





