ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވެ، ދަރަނި ނުދެއްކި ޑީފޯލްޓަކަށް ހިނގައިދާނެ ކަމަށް ބުނެ ފެތުރި ބިރުވެރިކަން މިހާރު މާޒީވެފައިވާ ކަމަށާއި، މި ސަރުކާރުން އެ ނުރައްކަލުން ގައުމު ސަލާމަތްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުވަދޫ ބަހުރުވައިން ވާހަކަފުޅު ދައްކަވަމުން މެންބަރު އަސަދުﷲ ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ސިޔާސީ ވާދަވެރިން އުންމީދުކުރަމުން ދިޔައީ ރާއްޖެ އިގްތިސާދީ ގޮތުން އިނދަޖެހިގެން ދިއުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ހަމައެއްނެތި ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ނުދެއްކި ގައުމު ޑީފޯލްޓްވެދާނެ ކަމުގެ ބިރު ދައްކަމުން ދިޔަ ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަސަދުﷲ ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސާދިގުގެ ވެރިކަންތަކުގައި އައްޑޫ ސިޓީއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށާއި، އެ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ހަދައިދިނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތާރީހުގައި ވެސް ވެރިކަމުގެ އެއް ދައުރެއްގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހުނު އެންމެ ބޮޑު ދަރަނި މި ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައެވެ. އަދި ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ 'މޫޑީސް' އިން ރާއްޖެ ރޭންކްކުރަން ފެށިފަހުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރޭޓިންގ މަތިވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅެމުންދާ ކަމުގެ ސާފު ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







