އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދު ކުރެއްވިއިރު، ކޮމިޓީން މި ބަޖެޓު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓު ހަރަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރާ 52.6 ބިލިއަން ރުފިޔާގެ ތެރެއިން، 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މިއަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން %7.3) އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ހިމަނާފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް 10.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމުގެ އިކުއިޓީ ފައިސާގެ ގޮތުގައި 750 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން އެދުނު މިންވަރަށް ބަޖެޓު ނުލިބޭ ކަމުގެ ޝަކުވާތައް ފާހަގަވި ނަމަވެސް، މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ މިހާރު ކަނޑައަޅާފައިވާ ބަޖެޓުން އެ މުއައްސަސާތަކަށް ފުދޭނެ ކަމަށާއި، އިތުރު ހަރަދެއް ހިނގައިފިނަމަ ކޮންޓިންޖެންސީ ބަޖެޓުން އެކަން ހަމަޖައްސައިދެވޭނެ ކަމަށެވެ.
ކޮމިޓީން މި ބަޖެޓު ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމަށް ބަޖެޓު ރިޕޯޓު ހުށަހަޅައި، މުޅި މަޖިލީހުގެ ވޯޓަކުން ބަޖެޓު ފާސްކުރުމުގެ މަރުހަލާ އެވެ.





