ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތަކުގައި ވަކި ކަމަކަށް ހާއްސަ ކުރުމުގެ ބަދަލުގައި މަޝްވަރާކުރަން ވާނީ މުޅި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލު ގެންނާނެ ކަންކަމާ ގުޅޭގޮތުން ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއާއި ޔުނިސެފާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "މަޝްވަރާ" ޕޮލިސީ ޑައިލޮގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރެވޭނީ ތައުލީމީ ދާއިރާއިން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއް ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނީ އިންސާނީ ވަސީލަތްތައް ބިނާކުރާ ފަރާތްތައްކަން ހާމަކުރެއްވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތްތަކަށް ގެންދިއުމަށްޓަކައި، ޕޮލިސީ ލެވަލްގައި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި ދަރިވަރުން އަދި ޕޮލިސީ ހަދާ ފަރާތްތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބާއްވާ ކޮންފަރެންސްތަކަކީ ވަކި ކަމަކަށް އެކަނި ބެލުމުގެ ބަދަލުގައި މުޅި ދާއިރާ ކުރިއެރުވުމަށް ހިޔާލު ބަދަލުކުރެވޭ ފަދަ ބައްދަލުވުންތަކަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ދާއިރާތަކުގެ މުވައްޒަފުންގެ އަޑުއެހުމާއި، އެ ބޭފުޅުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ އިތުރުން ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން އަމަލީގޮތުން ބައިވެރިކުރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ކާމިޔާބު ދަރިންތަކެއް ބިނާކުރުމަށްޓަކައި މުދައްރިސެއް ކަމަށް ފަހުރުވެރިވާ އަދި ތައުލީމީ ދާއިރާއަށް ލޯބިކުރާ ޒުވާނުންތަކެއް ބިނާކުރުމަށް ހުރިހާ މުދައްރިސުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މުދައްރިސުންނަށް ކުރާ ގަދަރާއި އިހްތިރާމު ހިފެހެއްޓުމަކީ ހަމައެކަނި ސްކޫލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހާސިލުވާނީ މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެހެންކަމުން މި އިހްތިރާމް ދެމެހެއްޓުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގައުމީ ޔުނިވަރސިޓީގައި ކުރިއަށްދާ "މަޝްވަރާ" ޕޮލިސީ ޑައިލޮގުގައި ގިނަ އަދަދެއްގެ މުދައްރިސުންނާއި، އެ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި، ޕްރިންސިޕަލުންނާއި، ލެކްޗަރާއިންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުންހުރި އިސް ފަރާތްތަކުން ބައިވެރިވިއެވެ.




