ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް "ކޮލަމްބޯ ޕްލޭން ސްކޮލަރޝިޕް 2027" ގެ ދަށުން ދެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ހުޅުވާލާފައިވަނީ ތިން ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކުރުމަށެވެ. އެއީ މާސްޓަރސް އިން ޕަބްލިކް ޕޮލިސީ، މާސްޓަރސް އިން އިންޓަރނޭޝަނަލް އެފެއަރސް އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ދައުލަތުގެ އިދާރާއެއްގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތަކަށްވުން ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މިހާރު ހާސިލުކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއެކު، ދައުލަތުގެ ހަރަދުގައި އެ ފެންވަރުގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ތައުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓް، އައިޑީ ކާޑު އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން ވަޒީފާ އަދާކުރާ ކަމުގެ ލިޔުމާއި ސްކޮލަރޝިޕްގައި ބައިވެރިވުމާމެދު އޮފީހުން އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ސީވީއާއި، ބޮންޑެއް އޮތްނަމަ ކޯހަށް ދޫކުރާނެކަމުގެ ލިޔުމުގެ އިތުރުން، ކުރިން ނަގާފައިވާ ލޯނެއް އޮތްނަމަ އެ ލޯނު ދައްކަމުން ގެންދާނެކަމަށް ބަޔާންކުރާ ލިޔުންވެސް ހުށަހަޅަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
މި ފުރުސަތާ ގުޅޭ އިތުރު މައުލޫމާތު ކުރި ޕޯޓަލްއިންނާއި، 1474 ނަންބަރު ފޯނުން އަދި schol@mohe.gov.mv އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.




