ބައިނަލްއަގުވާމީ މުދައްރިސުންގެ 8 ވަނަ ކޮންފަރެންސް ގައި ބައިވެރި ވުމަށް ހުޅުވާލައިފިއެވެ.
މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، އެންއައިއީގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވަމުން ގެންދާ ކޮންފެރެންސެކެވެ. މިއީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދޭން ގެންގުޅޭ އުކުޅުތައް މަޝްވަރާކޮށް، ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ ކޮންފެރެންސެކެވެ.
މިއަހަރު ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12އިން 13 އަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު އަލީ ސްކޫލުގައެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 29ވަނަ ދުވަހެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންގެ އިތުރުން، މަދަރުސާތަކުގެ އިސްވެރިން އަދި ތައުލީމީ ދާއިރާގެ ފަންނާނުންމަށް ހުޅުވާލާފައިވާ ކަމަށް އެންއައިއީ އިން ބުނެއެވެ.
މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައި ވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރަށެވެ.
މި ކޮންފަރެންސްގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން 60އަށް ވުރެ ގިނަ ދިރާސާ ކަރުދާސް ހުށައެޅުމަށް ހަމަޖެހިފަވާ ކަމަށް އެންއައިއީއިން ވިދާޅުވިއެވެ. އަދި 4 ވޯކްޝޮޕާއި، 2 ޕެނަލް ޑިސްކަޝަންގެ އިތުރުން 2 ކީނޯޓް ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އިންސްޓިޓިއުޓްއިން ހާމަކުރެއްވިއެވެ.
އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސްއަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.









