ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި ޑިޕްލޮމާ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި 113 ދަރިވަރެއްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް 2026 އޮކްޓޫބަރު 10 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ. ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ދަސްވެނިވުމުގެ ތެރޭގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ސަނަދު ހާސިލުކުރިއެވެ. މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި އިސްލާމީ ތައުލީމު ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވި ބޭފުޅުންގެ ތަފްސީލު:
ޑިގްރީ ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވި ބޭފުޅުން: އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް.ޑިޕްލޮމާ ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވި ބޭފުޅުން: އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޒް ޢަބްދުލްގަފޫރު އަހްމަދު އަދި ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް އަބްދުﷲ ސައުދާން.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދަރިވަރުން ހާސިލުކުރި އިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ޤުރުއާން އުނގެނުމާއި ޤުރުއާނަށް ހިދުމަތް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ދުނިޔަވީ މާއްދީ ފައިދާއެއް އެކަމުގެ މައްޗަށް އިސްނުކުރެވޭނެ ކަމަށެވެ. އަދި ޤުރުއާން އުނގަންނައިދިނުމުގެ ޝަރަފު އިހްތިޔާރުކުރި މީހާއަށް ﷲ ސުބުހާނަހޫ ވަތައާލާ ޝަރަފު ދެއްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތައުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެއިތުރުން ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ އިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް މި މަސައްކަތުގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ކޯސްތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ލިބުނު ބާރެކެވެ. އަދި ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން އިލްމީ ގާބިލުކަން އިތުރުކޮށް، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ގައުމީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް މީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.




