މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" މިއަދު މާލޭ ސިޓީގެ އިސްލާމީ މަރުކަޒުގައި ރަސްމީކޮށް ފަށައިފިއެވެ. މި ކޮންފަރެންސަކީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން މީގެ އަމަލީ މައިދާނުގައި މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި އަދުގެ އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ހާއްސަ ބައްދަލުވުމެކެވެ.
މި ކޮންފަރެންސް ބާއްވަނީ "އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި، އަރާ އިގުތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުންނެވެ. ކީރިތި ގުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިހް މޫސާ މުއިއްޒެވެ. އެއަށްފަހު، އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އައްޝައިހް އިމްތިޠާއު އައްބާސް ވާހަކަފުޅުދެއކެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) އިފްތިތާހުކުރެވުނެވެ. މި ޕްލޭން އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ. އެސްއޭޕީގެ ދަށުން ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމުގެ އިތުރުން އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދިނުމަށް ނިންމާފަވެއެވެ.
ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ރަސްމިއްޔާތަށް ހާއްސަ މެސެޖެއް ފޮނުއްވިއެވެ. އެސިސްޓެންޓް ޒަކާތު އޮފިސަރ އާޝިޔާ ސޯލިހް އިއްވަވައިދެއްވި މެސެޖުގައި، ފަގީރުކަން ނައްތާލުމާއި އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ޒަކާތުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށާއި، ޖަވާބުދާރީވުމާއި ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
ޖުމްލަ ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި ކޮންފަރެންސްގެ ކޮންމެ ސެޝަނެއްގައި ތަގްރީރަކާއި ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ. މަޝްވަރާތަކުގައި އާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް އެހީތެރިވުމަށް މުއައްސަސާތައް ވިލަރެސްކުރުމާއި، އަދި ޒަކާތް ލިބޭ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމައަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ އުސޫލުތަކާ މެދު ބަހުސްކުރެވޭނެއެވެ.
މި ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމާއި، މުއައްސަސާތަކުގެ ގުޅުން ހަރުދަނާކުރުމެވެ. މީގެއިތުރުން ފަގީރުކަން ކުޑަކުރުމަށާއި، އިޖުތިމާއީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް އަމަލީ ހައްލުތަކެއް ހޯދުމަށް ޒަކާތު ހައުސްއިން އުއްމީދުކުރެއެވެ.




