ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތުގެ ނިޒާމު ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އިމްތިޠާއު އައްބާސް ވިދާޅުވެއްޖެއެވެ. އިސްލާމީ މަރުކަޒުގައި "އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި، އަރާ އިގުތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން މިއަދު ފެށި ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޝައިހް އިމްތިޠާއު ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، މިޒަމާނުގައި މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓޭ ތަފާތު ސަބަބުތަކަށް ހައްލު ހޯދުމުގެ އިތުރުން، ޒަކާތުގެ އެހީއަކީ ދިގު މުއްދަތަކަށް ދެމިގެންދާ އިގްތިސާދީ އަމިއްލަ ފުދުންތެރިކަމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޝައިހް އިމްތިޠާއުގެ ވާހަކަފުޅުގައި، މުޖުތަމައުގައި ކުއްލިއަކަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ ނުވިސްނޭ މާލީ ގޮންޖެހުންތަކުގެ ސަބަބުން އާއިލާތައް ފަގީރުކަމުގެ ތެރެއަށް ވެއްޓެމުންދާކަން ބަޔާންކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރު ގުޅިގެން ޒަކާތާއި ވަގުފް ހިމެނޭހެން ވަށައިޖެހޭ ރައްކާތެރިކަމުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތް ލިބޭ ފަރާތްތައް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރިމަގުގައި އެއީ ޒަކާތް ދައްކާ ބަޔަކަށް ބަދަލުކުރުމަށް ދެމެހެއްޓެނިވި އުސޫލުތަކެއް ގާއިމުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ޒަކާތު ހައުސްއިން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ޝައިހް އިމްތިޠާއު ހާމަކުރެއްވި ގޮތުގައި، ޖެނުއަރީ 2026 ގައި މޯލްޑިވްސް ޒަކާތު ހައުސް އުފައްދައި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިދާރީ ހިންގުން ޒަމާނީކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފަވެއެވެ. އެގޮތުން، ޒަކާތުގެ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގައި، އިންސާފުވެރިކަމާއި ގާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ އިދާރާއިން މިހާރު 21 ގަވާއިދަކާއި 3 މިންގަނޑެއް އެކުލަވާލާފަވެއެވެ.
ކުރިއަށް އޮތް ތަނުގައި ކުރުމަށް ރާވާފައިވާ ކަންކަމާ މެދު ވާހަކަފުޅުދައްކަވަމުން، ނުވަ ސްޓްރެޓީޖިކް ލަނޑުދަނޑިއެއްގެ މައްޗަށް އެކުލެވޭ އެސްއޭޕީ (2026-2028) ގެ ދަށުން އިސްކަންދޭނެ މުހިންމު ދާއިރާތައް ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ވިޔަފާރި ކުންފުނިތަކާއެކު މުދަލު ޒަކާތުގެ ޕާޓްނަރޝިޕްތައް ފުޅާކޮށްގެން ޒަކާތުގެ އާމްދަނީ އިތުރުކުރުމާއި، "ދާރުލް އަރުގަމް" އަދި "ދާރުއްސަލާމް" ފަދަ ވަގުފް ރިއަލް އެސްޓޭޓް މަޝްރޫއުތައް ތަރައްގީކޮށްގެން ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުން ހިމެނެއެވެ.
މީގެއިތުރުން، ހަމައެކަނި ވަގުތީ އެހީތަކެއް ދިނުމުގެ ބަދަލުގައި، ޒަކާތް ލިބޭ ފަރާތްތަކަށް އަމިއްލަ ފުދުންތެރި ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ގާބިލުކަން އިތުރުކޮށްދޭ "އުފެއްދުންތެރި ޒަކާތު" ގެ ނިޒާމަކަށް މުޅި ނިޒާމު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ޝައިހް އިމްތިޠާއު ވިދާޅުވި ގޮތުގައި، އިންޒެކް 2026 ގެ ތެރެއިން ހިއްސާކުރެވޭ މައުލޫމާތުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަކީ މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ޝައިހް އިމްތިޠާއުގެ ވާހަކަފުޅުގައި ޒަކާތު ހައުސްގެ މަސައްކަތްތައް ކުރިއަރުވައި ޒަކާތުގެ ނިޒާމު ޒަމާނީ ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވާ މެދުކެނޑުމެއްނެތް އިރުޝާދާއި ވަރުގަދަ ލީޑަޝިޕަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މި ކޮންފަރެންސް އިންތިޒާމުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވި ސްޕޮންސަރުންނާއި ބައިވެރިންގެ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް އިހްލާސްތެރި ޝުކުރު އަދާކުރެއްވިއެވެ.
އިންޒެކް 2026 އަކީ ބައިނަލްއގްވާމީ ޒަކާތު ކޮންފަރެންސްގެ ތިންވަނަ އެޑިޝަނެވެ. މި ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކީ ބީއެމްއެލް ކަމަށްވާއިރު، ސިލްވަރ ސްޕޮންސަރަކީ އެމްޕީއޭއޯއެވެ. އަދި އޮފިޝަލް ކޭޓަރިންގ ޕާޓްނަރަކީ ބުރުޒު ކޭޓަރިންގއެވެ. މި ކޮންފަރެންސަކީ ޒަކާތުގެ އިދާރީ ހިންގުމާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކުރުމަށް އިލްމުވެރިންނާއި މާހިރުން އެއްތަންކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ.




