ރ. އުނގޫފާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫއުގެ މުހިންމު ބޮޑެތި މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ވަނީ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމް ކޮންކްރީޓް ކާސްޓިންގެ އެންމެހައި މަސައްކަތްތައް ސައިޓުގައި އެއްކޮށް ނިންމާލާފައެވެ. މިއީ މުޅި އިމާރާތުގެ އަމަލީ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދެއްވި ގޮތުގައި، ކޮންކްރީޓް ކާސްޓިން ނިމުމާ ގުޅިގެން މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ކޮލަމް ރީއިންފޯސްމެންޓް އަދި ޝަޓަރިންގގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު އިމާރާތުގެ ރެއިންފޯސްމެންޓްގެ ދެވަނަ މަރުހަލާގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އުނގޫފާރު ސްކޫލުގައި އަލަށް ބިނާކުރާ 8 ކްލާސްރޫމަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ ތަންތަނެވެ. މި އިމާރާތުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމުން އެ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެއިތުރުން، މުދައްރިސުންނަށާއި އިދާރީ މުވައްޒަފުންނަށް ވެސް ކިޔަވައިދިނުމާއި މަސައްކަތްތައް ކުރުމުގައި ގިނަ ފަސޭހަތަކެއް ލިބި، ދަރިވަރުންނަށް އުނގެނުމުގެ ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް އެކަށީގެންވާ ތައުލީމީ މާހައުލެއް ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެމްޓީސީސީއާ އެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް އަންނަނީ ކުރިއަށެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު މަތިކޮށް، ޖާގައިގެ ދަތިކަން ހައްލުކުރުމެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން މިހާރު ވެސް ދަނީ ބާރުދުވެލީގައި ކުރިއަށް ގެންދަމުންނެވެ.




