މިއަހަރުގެ ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ދޫކުރާއިރު ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހަވާނެ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ ނަތީޖާއާއެކު ދަރިވަރުން ހަދާފައިވާ އާންސަރ ސްކްރިޕްޓްތައް ސްކޫލްތަކަށް ފެންނަން ހުންނާނެ ކަމަށެވެ. މީގެއިތުރުން، ކުދިންނަށް ގްރޭޑުތައް ލިބުނު މާކްސް ނުވަތަ ޔުނިފޯމް މާކްސްވެސް ނަތީޖާއާއެކު ސާފުކޮށް ފެންނަން ހުންނާނެއެވެ.
މީގެ ކުރިން އިމްތިހާނު ޕޭޕަރުތަކުން ކުދިންނަށް ލިބުނު ސަރީހަ މާކްސް އެނގެން ނޯންނާތީ، ނަތީޖާއާމެދު ކަންބޮޑުވުން އުފެދޭ ހާލަތްތަކުގައި ރީޗެކަށް ފޮނުވަން ޖެހެއެވެ. ނަމަވެސް، އާންސަރ ސްކްރިޕްޓް ޓީޗަރުންނަށް ފެންނަން ހުރުމުން، ކުދިން ޖަވާބުދީފައިވާ ގޮތް ބަލައި އަލުން ރީޗެކަށް ފޮނުވަންޖެހޭ މިންވަރު ދެނެގަންނަން ފަސޭހަވެ، ބޭކާރު ގޮތުގައި ރީޗެކަށް ފޮނުވުން މަދުވެގެންދާނެއެވެ. މިއީ ސެންޓަރުތަކުން ދަރިވަރުން ދޭ ޖަވާބުތައް ދެނެގަތުމަށް ސްކޫލްތަކަށްވެސް ލިބޭނެ މުހިންމު މައުލޫމާތެކެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނު މިމަހުގެ 20 އިން ނޮވެންބަރު 12 އަށް ކުރިއަށްދާއިރު، އައިޖީސީއެސްއީ އިމްތިހާނުގައި 8،111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ. މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިހާނު ހަދާއިރު، އަތޮޅުތަކުގެ 242 ސެންޓަރެއްގައި 2،869 ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ. އިމްތިހާނުގެ ކަންކަން ސޫލޫކީގޮތެއްގައި ކުރިއަށްދާއިރު ސަރުކާރުން ވަނީ މުހިންމު އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
އޯލެވެލް އިމްތިހާނު ކުރިއަށްދާ މި ދަނޑިވަޅުގައި، ދަރިވަރުންނަށް ހާސްކަން ގެނުވާފަދަ ގޮތަކަށް ޕްރެޝަރު ނުކުރުމަށް މިނިސްޓަރު ވަނީ ބެލެނިވެރިންނާއި ބެލެނިވެރި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކުދިންނަށް ރަނގަޅު ކާމިޔާބީއަކަށް އެދި ގިނަގިނައިން މާތްﷲގެ ހަޒްރަތުގައި ދުއާކުރުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.





