ވިލާ އިންޓަނޭޝަނަލް ހައިސްކޫލް (ވީއައިއެޗްއެސް) ގެ 2025 ވަނަ އަހަރުގެ ނަތީޖާ އާންމުކޮށް ވަރަށް ރަނގަޅު ކަމަށާއި، ޚާއްޞަކޮށް ބިޒްނަސް ސްޓްރީމްގެ ގިނަ މާއްދާތަކުން %80 އަށްވުރެ ގިނަ ދަރިވަރުން ފާސްވެފައިވާ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕްރިންސިޕަލް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ވީއައިއެޗްއެސްގެ "ޕްރައިޒް ޑޭ 2026" ފާހަގަކުރުމުގެ ހާއްސަ ހަފްލާގައި، ތައުލީމު ހާސިލްކޮށް ދަސްވެނިވި ދަރިވަރުންނާއި މިހާރު ވެސް އެ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ.
މި ހަފްލާގައި 2025 ވަނަ އަހަރުގެ އިމްތިހާނުތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން ޕްރިންސިޕަލް މުސްތަފާ ވިދާޅުވީ، ހުރިހާ މާއްދާއަކުންވެސް ދަރިވަރުން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފާސްވި ދަރިވަރުންގެ ނިސްބަތް %80 އަށްވުރެ މަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އެހެން ސްކޫލްތަކާ އަޅާބަލާއިރު ސައިންސް ސްޓްރީމްގެ މާއްދާތަކުން ފާސްވި ނިސްބަތް ވެސް ރަނގަޅު ކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ސައިންސްގެ ނަތީޖާތައް އިތުރަށް ފުރިހަމަކޮށް ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅުގައި، ދަރިވަރުންގެ މެދުގައި ކިޔެވުމުގެ ޝައުގުވެރިކަން އުފައްދައި، އެކުދިން ތަރައްގީވެ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އެކަށޭނަ ރަނގަޅު މާހައުލެއް ބިނާކުރުމުގައި ވީއައިއެޗްއެސްގެ ކޮންމެ މުވައްޒަފަކުވެސް އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލެއްގެ ކާމިޔާބީ ގުޅިފައި ވަނީ ހަމައެކަނި ދަރިވަރުންނަށް އެކަނި ނޫން ކަމަށާއި، އޭގެ ފަހަތުގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ހިއްސާއެއް އޮންނަކަން ވެސް އޭނާ ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، މި އަހަރު އަލަށް އެ ސްކޫލާ 1،290 ކުދިން ގުޅުނު ނަމަވެސް، ސްކޫލުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އަދަދަށް ވުރެ ބޮޑަށް އެ ކުދިންގެ ކިޔެވުމުގެ ފެންވަރު މަތިކޮށް، ދަރިވަރުން ހާސިލްކުރާ ފަޚުރުވެރި ކާމިޔާބީތަކަށް ކަމުގައި ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވިއެވެ.




