މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތް" ހަތަރު ޓީމަކާއެކު އިއްޔެ ފަށައިފިއެވެ. ޖުމްލަ ހަ ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ވާދަކޮށްފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި، ސީއެޗްއެސްއީ ހުޅުމާލެ އަދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޓީމުތަކެވެ.
މި މުބާރާތުގައި ބައިވެރިވި ދަރިވަރުން ވަނީ އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މުހިންމު ޚިޔާލުތަކެއް ހުށަހަޅާފައެވެ. ފޯރިގަދަ ބަހުސްތަކަކަށްފަހު، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީ ހުޅުމާލޭގެ ޓީމެވެ.
މިއީ މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި 2025 ވަނަ އަހަރުން ފެށިގެން އެމްއެމްއޭއިން ކުރިއަށްގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް" ގެ ދަށުން ބޭއްވި މިފަދަ ދެވަނަ މުބާރާތެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމާއި، އިޤްތިޞާދީ މައްސަލަތަކާމެދު ބަހުސްކޮށް ވިސްނުމަށް ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ހަމައެއާއެކު، ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ގޮތެއްގައި ވާހަކަދެއްކުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ޤާބިލުކަން ތަރައްޤީކުރުމަކީވެސް މި މުބާރާތުގެ މުހިންމު ލަނޑުދަނޑިއެކެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް ބަހުސް އޮންނާނީ އަންނަ އަންގާރަ ދުވަހު (10 ނޮވެންބަރު 2026) ގައެވެ.






