ބާޒާރުގައި ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވެފައިވުމާއި، ބޭންކުތައް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޖަމާކުރާ މިންވަރު މަދުވުމުގެ ސަބަބުން، ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވެފައިވާތީ، މި ދަތިކަން ހައްލުކުރުމަށް އެމްއެމްއޭއިން އެ ނޫޓުގެ އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފިއެވެ. މި އައު ނޫޓުތައް މާދަމާއިން ފެށިގެން ބާޒާރުގައި ދައުރުކުރަން ފަށާނެކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި އިޤްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. 5 ރުފިޔާގެ ނޫޓަކީ އާންމުކޮށް ބާޒާރުކުރުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ، އަދި އާންމުންނާއި ވިޔަފާރިތަކަށް ގިނަ އަދަދަކަށް ދޫކުރެވޭ ނޫޓެކެވެ. މިއީ 2017 ވަނަ އަހަރު ރަންދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ ނެރުނު ފަހުން އޭގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.
މާދަމާ ދައުރުކުރަން ފަށާ އައު ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވެއެވެ. މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. އަދި މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ. އައު ސްޓޮކް ދައުރުކުރަން ފެށިނަމަވެސް، މިހާރުވެސް ބާޒާރުގައި ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓުތައް ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭގެ އަމާޒަކީ ބާޒާރުގައި ނަގުދު ފައިސާ ދައުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމެވެ. އެގޮތުން ބާވެފައިވާ ނޫޓުތަކުގެ ބަދަލުގައި އައު ނޫޓުތައް ނެރެ، އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެމްއޭއިން ދަނީ އިސްކަންދީގެން ކުރަމުންނެވެ.






