ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށާއި ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި "ޓްރެކްޓް" ޓީ.އާރު.އޭ.ސީ.ޓީ ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު މަސައްކަތްތަކެއް ތަންފީޒު ކުރުމަށް ފަރުމާކޮށްފައިވާ ކަމެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ފުއިތުރުކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. މީގެއިތުރުން، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މިނިސްޓްރީން ނިންމައިފަވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ކާރިސާއެއް ދިމާވުމުގެ ކުރިން މީހުން ހޭލުންތެރިވެ ތައްޔާރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މޫސުމީ ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކޮށް ކުރިއާލައި އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި / ފޮޓޯ: އެންވަޔަރމެންޓް މިނިސްޓްރީ
މިފަދަ މަސައްކަތްތަކުގެ އިތުރުން، ދެކުނު އޭޝިއާގެ ހަތް ގައުމެއްގައި ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރު ކުރުމަށް ފަރުމާކޮށްފައިވާ ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (އެސްއޭޑީއާރުއާރު) ޕްރޮގްރާމް އިފްތިތާހު ކުރުމުގެ މަތީފަންތީގެ ބައްދަލުވުމުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެއިން ބައިވެރިވިއެވެ. މިއިން ދައްކުވައިދެނީ ބައިނަލްއަގްވާމީ ފެންވަރުގައި ކާރިސާ މެނޭޖުކުރުމަށް ރާއްޖެއިން ދެމުންދާ އަހަންމިއްޔަތުކަމެވެ.
މީގެ އިތުރުން، ކާރިސާގެ ނުރައްކާ މެނޭޖުކުރުމުގައި ޑިޖިޓަލް ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން "ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ނިޒާމު މިދިޔަ އަހަރު އިފްތިތާހުކުރިއެވެ. މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.




