އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ގައުމުތަކެއްގެ ބައިވެރިވުން ކަށަވަރުކޮށް، އެ ގައުމުތަކުގެ ބޭނުންތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފް ވިދާޅުވީ، ތިމާވެށީގެ މުއާހަދާތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނީ ހުރިހާ ގައުމުތަކެއްގެ ބޭނުންތައް ދެނެގަނެވި، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ، ފަންނީ އަދި އައު ޓެކްނޮލޮޖީގެ އެހީތެރިކަން ދެމެހެއްޓެނިވި އުސޫލަކުން ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ކޭއޭ@10" މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާގައި ބައިވެރިވެވަޑައިގެން ސްޓޭޓް މިނިސްޓަރު ވަނީ، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އޯޒޯން ފަށަލަ ރައްކާތެރިކުރުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ހިއްސާކުރައްވާފައެވެ. އަދި މޮންޓްރިއަލް ޕްރޮޓޮކޯލާއި ކިގާލީ އިސްލާހު ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، މި ބައްދަލުވުމުގެ ހަވާސާގައި ސްޓޭޓް މިނިސްޓަރު ވަނީ ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން (ސީސީއޭސީ) ގެ ސެކްރެޓޭރިއަޓް ހެޑް މާޓީނާ އޮޓޯއާ ބައްދަލުކުރައްވައި، ސާފު ވައި ކަށަވަރުކުރުމަށާއި ޖައްވު ތަގައްޔަރުވުން ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ. ހަމައެއާއެކު، އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު އެލިޒަބަތު މަރުމާ މުރެމާއާ ބައްދަލުކުރައްވައި، މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ އެއް ގައުމަށް ވުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ ހައްގުގައި އަޑުއުފުލައި، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތެކެވެ.




