މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެގްޒެކެޓިވް ޑިރެކްޓަރ މަފަލްޑާ ޑުއާޓޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި މޫސުމީ ކަންކަމަށް ކަނޑައެޅިފައިވާ މާލީ އެހީތެރިކަން ހޯދުމުގައި ޖީސީއެފް މެދުވެރިކޮށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަ މަގުތަކެއް ފަހިކުރުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރެއްވިއެވެ.
ތައިލެންޑުގެ ބެންކޮކްގައި އޮކްޓޫބަރު 12 އިން 18 އަށް ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ މި ބައްދަލުވުމަކީ ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުމެވެ.
މި އަހަރުގެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ދުނިޔޭގެ އިގްތިސާދީ ދުވެއްޔާއި، މާލީ ދާއިރާގެ ހަމަޖެހުމާއި، ފަގީރުކަން ނައްތާލުމުގެ އިތުރުން ޑިޖިޓަލް ފައިނޭންސްގެ ރައްކާތެރިކަމުގެ މައްޗަށެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ދަނީ ކުރިއަށެވެ.
މި ބައްދަލުވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖީސީއެފް މެދުވެރިކޮށް އަވަސް ފުރުސަތުތަކެއްގައި ފަންޑު ލިބުމަށް މަގުފަހިވެ، ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.






