ދުނިޔޭގެ އޯޒޯން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކެއް މިއަދު އާޓިފިޝަލް ބީޗުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތްތަކަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ގްލޯބަލް އެކްޝަން ފޮ އަ ކޫލަރ ޕްލެނެޓް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މިއަދުގެ މި ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މި ޕްރޮގްރާމުގައި ތިމާވެއްޓާ ގުޅޭ ތަފާތު ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، ހިލޭ ގަސް ބެހުމުގެ ޕްރޮގްރާމެއްގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ވައުދުވާ ޕްލެޖް ވޯލްއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ބައިވެރިންގެ މެދުގައި ނަގާ ހާއްސަ ލަކީ ޑްރޯއަކުން 12,000 ބީ.ޓީ.ޔޫ ގެ ހައިސެންސް އެއާ ކޮންޑިޝަނަރެއް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ހަރަކާތްތަކުގައި މިނިސްޓްރީގެ އެނާޖީ ޑިޕާޓްމަންޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ފަދަ މުއައްސަސާތަކުން ބައިވެރިވެ، ހަކަތަ އިގުތިސާދުކުރުމާއި، ކަރަންޓަށް ފަރުވާތެރިވާ ބޮކި ފަދަ ތަކެތި ބޭނުންކުރުމާއި، ތިމާވެށީގެ ހޭލުންތެރިކަމާއި ގަސް އިންދުމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރާ ނިޒާމުތައް ބޭނުންކުރުމަށާއި ހަކަތަ ރައްކާތެރިކުރުމުގެ އާދަތަކަށް އަހުލުވެރިކުރުވުމެވެ.




