ކާބަން ވިއްކުމާ ގުޅޭ ގޮތުން އެކުލަވައިލަންޖެހޭ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. އެންވަޔަރަންމަންޓް މިނިސްޓަރު މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ކާބަން ވިއްކުން ނުވަތަ ކާބަން ކްރެޑިޓް ޓްރޭޑިންއަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާއި ކާބަންޑައިއޮކްސައިޑްގެ މިންވަރު ދަށްކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ވިޔަފާރިއެކެވެ. މިއީ ދުނިޔެ ހޫނުވުން ކުޑަކުރުމުގެ މައިގަނޑު މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ނިޒާމުގެ ތެރެއިން ގަސް އިންދުމާއި، އިރުގެ އަލިން ހަކަތަ އުފެއްދުން ފަދަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގައިގެން ޖައްވުން ކާބަން މަދުކުރާ ކުންފުނިތަކަށާއި ގައުމުތަކަށް ކާބަން ކްރެޑިޓް ލިބެއެވެ. އަދި މި ކްރެޑިޓްތައް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމުގެ ފުރުސަތު އެ ފަރާތްތަކަށް ފަހިވެގެންދެއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކުލަވައިލެވުނު ފުރަތަމަ ޑްރާފްޓް މުރާޖައާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގައި ކާބަން މާކެޓް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އަދި ގަވާއިދުގެ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމެވެ. މި ގަވާއިދުގެ ދަށުން އިދާރީ ޒިންމާތަކާއި، ކާބަން ކްރެޑިޓް ބަލަހައްޓާނެ މިންގަނޑުތަކުގެ އިތުރުން، ރެކޯޑްތަކާއި ރިޕޯޓްތައް އެކުލަވައިލައި ބަލަހައްޓާނެ ސާފު އުސޫލުތައް ކަނޑައެޅިގެންދާނެއެވެ.
ކާބަން މަޝްރޫއުތަކަކީ ބޮޑު ހޭދައެއް ހިނގާ މަޝްރޫއުތަކަކަށްވެފައި، އެއިން މާލީ މަންފާ ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މާކެޓުން ބަލައިގަންނަ ފެންވަރުގައި މި މަސައްކަތް ބެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮޑެތި މަޝްރޫއުތަކާ އެކު މި ދާއިރާ ފުޅާވެގެންދާއިރު، އަމިއްލަ ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





