އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ-2026” ފަށައިފި އެވެ. މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
މި އެކްސަސައިޒަކީ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުންގެންދާ އެކްސަސައިޒެ ކެވެ. އެގޮތުން ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔާ ފައިޓަރުން ހަރަކާތްތެރިވާއިރު، ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމަކީ މި އެކްސަސައިޒުގެ މުހިންމު މަގުސަދެ ކެވެ.
މީގެއިތުރުން ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުމަކީވެސް އެކްސަސައިޒުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެ ކެވެ. މި ތަމްރީނުތަކުގެ ޒަރީއާއިން އަމަލީ މައިދާނުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުގައި އަވަސް އަދި އެކެއްގެ ގޮތެއްގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްފައިވެ އެވެ.
ނޮވެންބަރު 22 އިން 23 އަށް ކުރިއަށްގެންދާ މި އެކްސަސައިޒުގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވެ އެވެ.





