ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހއ. ބާރަށުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ނޫރައްދީން" އަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު އެ ރަށު ބަނދަރު ސަރަހައްދުގައި ބާއްވައިފިއެވެ.
މި ހަރަކާތަކީ ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ގައުމީ އެއްބައިވަންތަކަމުގެ ރޫހު އާލާކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ޝަހީދުވި އަބްތާލުންގެ މަތިވެރި ގުރުބާނީގެ ޒިކުރާ އައުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޒިޔާރަތުގައި ބައިވެރިވި ބާރަށުގެ ރައްޔިތުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށް، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ދައްކާލާފައެވެ. އެގޮތުން، ކަނޑުމަތީގެ ހާދިސާތަކުގައި ބޭނުންކުރާ ހާއްސަ ވަސީލަތްތަކާ ބެހޭ ތަފްސީލީ މައުލޫމާތު ދިނުމުގެ އިތުރުން، އެ ތަކެތި ބަލައިލުމާއި ހަނދާނީ ފޮޓޯ ނެގުމުގެ ފުރުސަތުވެސް އާންމުންނަށް ވަނީ ފަހިކޮށްދީފައެވެ.
މީގެއިތުރުން، ނަސްރުގެ ދުވަހާ ގުޅުވައިގެން 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއާއި ގުޅޭ ތާރީހީ މައުލޫމާތާއި ފޮޓޯތައް ދައްކުވައިދޭ ހާއްސަ މައުރަޒެއްވެސް އިއްޔެއިން ފެށިގެން އެ ރަށުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. މި މައުރަޒުގެ މައިގަނޑު ބޭނުމަކީ ގައުމީ ތާރީހުގެ މުހިންމު ހާދިސާތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ގައުމީ ލޯބި ދިރުވައި އާލާކުރުމެވެ.
މި ހަރަކާތްތަކުގެ އިތުރުން، ސިފައިންގެ ހުނަރުވެރިކަން ދައްކުވައިދޭ މިލިޓަރީ ޑިސްޕްލޭއަކާއި ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު ބާރަށުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނަށާއި، ހާއްސަކޮށް ޅަދަރިވަރުންނަށް ގައުމީ ހިދުމަތުގެ އަގުވަޒަންކޮށް، މައުލޫމާތު މުއްސަނދި އަދި އުފާވެރި މާހައުލެއް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ހަރަކާތްތަކެކެވެ.




