ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ. މިކަން ހާމަވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެންނެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަސް މި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "ވިލުންތެރިކަން ފެށެނީ އަމިއްލަ ގޭބިސީން" މިއެވެ. 2004 ވަނަ އަހަރުގެ ހިތާމަވެރި ސުނާމީ ކާރިސާއަށްފަހު، ރާއްޖޭގައި ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ދައުލަތުގެ ފެންވަރުގައާއި އާންމު ފެންވަރުގައި ވަނީ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ބިމުގެ ސަތަހަ ތިރިވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އުދައެރުމާއި ވިއްސާރަވުން ފަދަ ކާރިސާތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ބޮޑެވެ. މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި، ހަމައެކަނި ކާރިސާއެއް ދިމާވުމުން އެކަމަށް އިޖާބަދިނުމުގެ ބަދަލުގައި، ރައްކާތެރިވުމާއި، ނުރައްކާ ކުޑަކުރުމާއި، ކާރިސާތަކަށް އަބަދުވެސް ތައްޔާރުވެފައި އޮތުމުގެ އިތުރުން، އަލުން އާރާސްތުކުރުން އެކުލެވޭ ފުރިހަމަ ޖާމިއު ނިޒާމަކަށް ރާއްޖެ މިހާރު ވަނީ ބަދަލުވެފައެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ "ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓީޖީ" އެކުލަވައިލައި، ގައުމީ ސިޔާސަތުތަކާއި ތަރައްގީގެ ޕްލޭންތަކުގައި ކާރިސާގެ ނުރައްކާތަކަށް ރިއާޔަތްކުރުން ހިމަނާފައެވެ. މީގެއިތުރުން، ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން" އާއި "ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން" (އެން.އީ.އޯ.ޕީ) އެކުލަވައިލުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދެއެވެ.
ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުން ހަރުދަނާކުރުމަށް އެޅުނު އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ "ނެޝަނަލް ރިސްކް ރެޖިސްޓަރ އެންޑް އެސެސްމަންޓް 2026" އެކުލަވާލުމެވެ. މި ދިރާސާގެ އަލީގައި މުޖުތަމައުތައް ރައްކާތެރިކުރުމަށާއި، ގައުމުގެ އަސާސީ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މީގެއިތުރުން، ރަށްރަށުގެ ވިލުންތެރިކަން އިތުރުކޮށް ކުއްލި ހާލަތްތަކަށް ތައްޔާރުކުރުމަށްޓަކައި، ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ފެން ހިންދާ ޕަމްޕާއި އަލިފާން ނިއްވާ ޕަމްޕު ފަދަ މުހިންމު ވަސީލަތްތައް ވަނީ ރަށްރަށަށް ފޯރުކޮށްދީފައެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޔުނެސްކޯގެ "ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމް" ގެ ދަށުން ކުޅުދުއްފުށި ސިޓީއަކީ "ސުނާމީ ރެޑީ" ސިޓީއެއްގެ ދަރަޖަ ހޯދުމަށް ބޭނުންވާ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އެންޑީއެމްއޭއިން ވަނީ "ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ގެ ނަމުގައި ހާއްސަ ޑިޖިޓަލް ނިޒާމެއް އިފްތިތާހްކޮށްފައެވެ. މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާއިރު، ކާރިސާތަކަށް ތައްޔާރުވެފައިވާ ވިލުންތެރި ރާއްޖެއެއް ބިނާކުރުމަކީ މުޅި ދައުލަތާއި އެންމެހައި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެކެވެ.




