މީގެ އަހަރުތަކެއް ކުރިން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި 82 ދިވެހިންގެ ފުރާނަ ގެއްލި، 24 މީހުން ވީނުވީއެއް ނޭނގި ގެއްލިގެން ދިޔައެވެ. އަދި މި ބިރުވެރި ހާދިސާގެ ސަބަބުން ގައުމުގެ އިގްތިސާދު އެތައް އަހަރެއް ފަހަތަށް ސޮއްސައިގެން ދިޔަ ނަމަވެސް، އެ ހިތި ތަޖުރިބާއަށްފަހު ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ރާއްޖެއިން މިވަނީ ތާރީހީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން، ޔުނެސްކޯގެ މިންގަނޑުތަކަށް ފެތޭ "ސުނާމީ ރެޑީ" ސެޓްފިކެޓް ހާސިލުކުރި ރާއްޖޭގެ ފުރަތަމަ ރަށަކަށް މިއަހަރުގެ ޖުލައި މަހު ހދ. ކުޅުދުއްފުށި ސިޓީ ވަނީ ވެފައެވެ.
ރާއްޖެއިން ހޯދި މި ކާމިޔާބީތައް ފާހަގަކުރެވެމުން މިދަނީ، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފަސްވަނަ ދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ސުނާމީ އެވެއާނަސް ޑޭ" ނުވަތަ ސުނާމީއަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅުވައިގެންނެވެ. އދ. އިން މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސުނާމީއަށް ތައްޔާރުވާށެވެ: ވިލުންތެރިކަން ފެށެނީ ތިބާއާ ހަމައިންނެވެ" (ބީ ސުނާމީ ރެޑީ: ރެޒިލިއަންސް ސްޓާރޓްސް ވިތް ޔޫ) މިއެވެ. މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ކާރިސާތަކުގެ އިންޒާރު ދެނެގަތުމަށާއި، އަމިއްލަ ގޭބިސީގެ ފެންވަރުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ޕްލޭން އެކުލަވާލުމަށް އާންމު ފަރުދުންނަށް ހިތްވަރު ދިނުމެވެ.
މި ދުވަހުގެ މުނާސަބަތުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ދެއްވި މެސެޖުގައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. މީގެއިތުރުން، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ވިލުންތެރި މަޝްރޫއުތައް ހިންގުމަށާއި، ކާރިސާތަކުގެ ހިރާސްތަކަށް ބަލައި ބިން ބޭނުންކުރުމުގެ ޕްލޭންތައް އެކަށައެޅުމަށާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމަށް ސައިންސާއި ޑޭޓާގެ އެހީގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ ސުނާމީގެ އިންޒާރު ދުރާލާ ލިބިގަންނަ ނިޒާމުތައް ގާއިމުކޮށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ ވަސީލަތްތަކާއި މުވައްޒަފުންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކޮށްފައެވެ. އަދި ވަކިވަކި ފަރުދުންނާއި ޖަމްއިއްޔާތަކުގެ މެދުގައި ކާރިސާތަކަށް ދުރާލާ ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން "ސުނާމީ ރެޑީ ބޯޑެއް" އެކުލަވާލައި، މުހިންމު މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ހަމައެއާއެކު، ކާރިސާއެއް ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ރައްކާތެރި ސަރަހައްދުތައް ބަޔާންކޮށްދޭ ޗާޓުތައް ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން މިހާރުވެސް ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރައްކާތެރި، ވިލުންތެރި އުމްރާނީ ވަސީލަތްތައް ބިނާކޮށް، ހުރިހާ ބާވަތެއްގެ ކާރިސާތަކުން ދުރާލާ ރައްކާތެރިވުމުގެ ނިޒާމުތަކަށް އިންވެސްޓްކޮށްގެން، ކާރިސާތަކަށް ހޭލުންތެރި ފުރިހަމަ މުޖުތަމައެއް ބިނާކުރުމެވެ.




