ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެގެން ރިޕޯޓްތައް ލިބެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެ އޮތޯރިޓީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ރ. ރަސްމާދޫ، ރ. އިނގުރައިދޫ އަދި ޅ. ނައިފަރު ހިމެނޭ ކަމަށާއި، މިއިން ކޮންމެ ރަށެއްގެވެސް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ އިނގުރައިދުއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެން ވަދެފައިވެއެވެ. އަދި އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން އެ އޮތޯރިޓީއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ފެންބޮޑުވުމާ ގުޅިގެން ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިއްކުމުގެ މަސައްކަތް، އެ ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތައް އަދި އާންމު ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ތަފާތު ހިސާބުތަކަށް ބޯކޮށް ވާރޭވެހެމުންދާ ދުވަސްވަރެއްކަން އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.









