ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގައި ކާރިސާތަކުން ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލާފައިވާ "ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" (އެސްއޭޑީއާރްއާރް) ޕްރޮގްރާމް އިފްތިތާޙުކުރުމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ވާޗުއަލްކޮށް ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނާއި، ސެކްރެޓަރީ ޖެނެރަލް ޞަފީނާޒް ޙަސަނެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރްއައި) އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ހިންގާ މުހިންމު މަޝްރޫޢެކެވެ.
މި ޕްރޮގްރާމުގެ ދަށުން، ސެޓެލައިޓް މެދުވެރިކޮށް ދުނިޔެ ބެލެހެއްޓުމުގެ ނިޒާމުތަކާއި (އާތު އޮބްޒަވޭޝަން) މޫސުމީ މަޢުލޫމާތުތަކުގެ އެހީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ ދުރާލައި ޕްލޭންކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދުރާލައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތައް ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ރޭވިފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވައެވެ.
މި ބައްދަލުވުމުގެ ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ސީއީއޯ ޙިސާން ޙަސަން ވަނީ، ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ފެންބޮޑުވުމުގެ ނުރައްކަލުން ރައްކާތެރިވުމާއި، މުހިންމު ޢުމްރާނީ ވަސީލަތްތައް ޙިމާޔަތްކުރުމުގެ އިތުރުން، ކާރިސާއެއް ދިމާވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ފެންވަރުގައި ނުރައްކާތައް ވަޒަންކުރުމަށާއި ކަންކަން ނިންމުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ސެޓެލައިޓް މަޢުލޫމާތުތައް ބޭނުންކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ސީޑީއާރްއައިގެ ގަވަރނިންގ ކައުންސިލްގެ އެންމެ ފުރަތަމަ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. އަދި އެންޑީއެމްއޭގެ އެސްޖީ ޞަފީނާޒް ޙަސަނަކީ "އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް" (އައިއާރްއައިއެސް) ގެ ސްޓިއަރިންގ ކޮމިޓީގައި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތައް ތަމްސީލުކުރައްވާ މެންބަރެވެ.
މި މުހިންމު މަޝްރޫޢު ފެށުމާ ގުޅިގެން އެންޑީއެމްއޭގެ ފަރާތުން ސީޑީއާރްއައި، ޔޫރަޕިއަން ޔޫނިއަން އަދި އީއެސްއޭއަށް މަރުޙަބާ ދަންނަވާފައިވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށާއި، ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.




