ށ. ޅައިމަގަށް މިއަދު ހެނދުނު 6:45 ހާއިރު އެރި ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޅައިމަގު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ރަށުގެ 25 އަށް ވުރެ ގިނަ ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މީގެއިތުރުން، ނަގޫރޯޅިއާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މިހާރު އެ ވިލާގަނޑުގެ އަސަރެއް ނެތް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްގެން އެ މީހާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޅައިމަގު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން، ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ބާރުއަޅައެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މޫސުމުގެ އެންމެ ފަހުގެ ހަބަރުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.