ތުރުކީވިލާތުގެ އަންތާލިއާގައި ކުރިއަށްދާ އ.ދ ގެ ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް-31 ގައި ތެލާއި ގޭސް (ފޮސިލް ފިއުލް) ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުން ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވި، ސަމިޓުގެ ވަގުތު އިތުރުކޮށްފިއެވެ. ދެ ހަފްތާގެ މުއްދަތަށް ބޭއްވި މި ސަމިޓް ހުކުރު ދުވަހު ނިންމާލަން ހަމަޖެހިފައި އޮތް ނަމަވެސް، ސިޔާސީ އެއްބަސްވުމަކަށް ނާދެވުމުން މުޅި ރޭގަނޑު މަޝްވަރާތައް ކުރިއަށް ގެންގޮސް، މިއަދު އައު ޑްރާފްޓެއް ނެރުމަށް ވަނީ ނިންމާފައެވެ.
މި ސަމިޓުގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވަނީ ބުރާސްފަތި ދުވަހު ނެރުނު އެއްބަސްވުމުގެ ޑްރާފްޓްގައި، ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާ ބެހޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާތީއެވެ. ސައުދީ އަރަބިއްޔާ ފަދަ ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކުގެ ފިއްތުންތަކާ ހެދި އެ ބައި އުނިކުރުމުން، ވިލާތުގެ އިއްތިހާދާއި ޕެނަމާ ފަދަ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޔޫރަޕުން ބުނެފައިވަނީ އެ ބައި ނުހިމަނާނަމަ މިއީ ތިމާވެށީގެ ސަމިޓެއްގެ ބަދަލުގައި "ތެލުގެ ސަމިޓަކަށް" ބަދަލުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ތިމާވެށީގެ ބަދަލުތަކަށް ހޭނުމަށް ފަގީރު ގައުމުތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް 120 ބިލިއަން ޑޮލަރުގެ އަމާޒުވެސް އައު ޑްރާފްޓުން އުނިކޮށްފައިވާތީ އެފްރިކާގެ ގައުމުތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ތިމާވެށި ހިމާޔަތްކުރާ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި، ދުނިޔޭގެ ބޮޑު ހީނަރުކަމަކަށް ދާއިރު މި ސަމިޓަކީ މިހާތަނަށް ބޭއްވުނު އެންމެ ނާކާމިޔާބު ސަމިޓެވެ.
މި މަޝްވަރާތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައި ވަނީ، ދުނިޔޭގައި އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ އެމެރިކާއިން ރައީސް ޓްރަމްޕްގެ ނިންމެވުމާ އެއްގޮތަށް މި ސަމިޓް ބޮއިކޮޓްކޮށް ބައިވެރިނުވާތީއެވެ. އަދި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ނުދާނެހެން ހިފެހެއްޓުމަށް 2015 ގައި ވެވުނު ޕެރިސް އެއްބަސްވުމުގެ އަމާޒު މިހާރު ގެއްލިފައިވާ ކަމަށް މި ސަމިޓުގެ ލިޔެކިޔުންތަކުގައި ފުރަތަމަ ފަހަރަށް ވަނީ އެއްބަސްވެފައެވެ.




