ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ސަރުކާރުގެ މައި މަރުކަޒު ކަމަށްވާ އަދަން ސިޓީއަށް ހަމަލާދިނުމަށް ހޫޘީ ހަނގުރާމަވެރިން ތައްޔާރުވަމުންދާ ކަމަށާއި، ނަމަވެސް ކޮންމެ ހަމަލާއެއްވެސް ނާކާމިޔާބުކޮށްލާނެ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ހޫޘީން މިހާރު ތިބީ އަދަންއާ ގާތްގަނޑަކަށް 60 ކިލޯމީޓަރު ދުރުގައި ކަމަށެވެ.
މި ކުރިއެރުން ހޫޘީން ހޯދާފައިވަނީ ރަތް ކަނޑާ ކައިރި ބައެއް ސަރަހައްދުތަކުން ސަރުކާރު ސިފައިން ފަހަތަށް ޖެހި، އަދަން އާއި ކައިރި ޕްރޮވިންސްތައް ދިފާޢުކުރުމަށް ފައުޖުތައް ޖަމާކުރަން ފެށުމާ ގުޅިގެންނެވެ. ނޮވެމްބަރު 15 ވަނަ ދުވަހު ހޫޘީން ވަނީ އަލް-މަޤާތިރާ އާއި އަލް-މަދާރިބާ ޑިސްޓްރިކްޓްތަކުގެ ކޮންޓްރޯލް އަތުލާފައެވެ.
ޔަމަނުގެ ރިޔާސީ ކައުންސިލްގެ ވެރިޔާ ރަޝާދު އަލް-އަލީމީ ވިދާޅުވީ ޙާލަތު އޮތީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި، ނަމަވެސް އަދަން ހިފުމަކީ ހޫޘީންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސިފައިން ތިބީ ސިޓީ ދިފާޢުކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން ހޫޘީން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟް އެއާޕޯޓްވެސް ބަންދުކޮށްފައި އޮތުމުން، ސަރަހައްދީ މަސްރަޙު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.




