ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މާލީ މަރުކަޒުގައި ހުންނަ ޓަވަރަކަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާއެއް އަރައި، ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިއްޖެއެވެ.
ސައޫދީ ސިވިލް ޑިފެންސް އެޖެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހުރި ޓަވަރަކަށް އަމާޒުވި މި ހަމަލާގައި އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅިގެން ސަރަހައްދީ ގައުމުތަކުންނާއި ޖަމްޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ހޫޘީންގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެގޮތުން ގަތަރުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި، އަހުވަންތަ ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންދާ މިފަދަ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ކުވައިތުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިއީ ސަޢޫދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް ހިންގި ވަރަށް ފާޅުކަން ބޮޑު ޖަރީމާއެއް ކަމަށެވެ.
މީގެއިތުރުން، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވިދާޅުވީ، ހޫޘީ ހަނގުރާމަވެރިން ޒިންމާދާރު ކުރުވުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ވަގުތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.
މި ހަމަލާ ދީފައިވާ ދަނޑިވަޅަކީ ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެކެވެ. އެގޮތުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަންދުތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ވަނީ ވިދާޅުވެފައެވެ. ސަޢޫދީއަށް އަމާޒުވި މި ހަމަލާއަކީ މުޅި މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.



