ޔަމަނުގެ ވެރިރަށް ސަންއާގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތުން، އެ ޤައުމުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ހައްޔަރުކޮށްފައި ތިބި 600 ގައިދީން އެއްވެސް ޝަރުތަކާ ނުލައި އަމިއްލައަށް އިސްނަގައިގެން މިނިވަންކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ ރެޑް ކްރޮސް ކޮމިޓީ އިން ހާމަކޮށްފިއެވެ. މިއީ ޔަމަނުގެ ހަނގުރާމައިގެ ގައިދީން މިނިވަންކުރުމަށް ފަހަކަށް އައިސް އެޅި އެންމެ ބޮޑު އެއް ފިޔަވަޅެވެ.
ރެޑް ކްރޮސްއިން ބުނި ގޮތުގައި، މި ގައިދީން މިނިވަން ކުރުމުގެ ކުރިން އެ ޖަމިއްޔާގެ މަންދޫބުން ވަނީ ގައިދީންނާ ވަކިވަކިން ބައްދަލުކޮށް، އެމީހުން މިނިވަންވަނީ އަމިއްލަ އިޚްތިޔާރުގައިކަން ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، މިނިވަންވި ގައިދީންނަށް ބޭނުންވާ ސިއްހީ ޗެކަޕްތަކާއި، އާއިލާތަކާ ހަމައަށް އެނބުރި ދިއުމަށް ބޭނުންވާ ދަތުރުފަތުރުގެ އެހީތެރިކަންވެސް ރެޑް ކްރޮސްއިން ވަނީ ފޯރުކޮށްދީފައެވެ.
ހޫޘީންގެ ގައިދީންނާ ބެހޭ ކޮމިޓީގެ ވެރިޔާ އަބްދުލްޤާދިރު އަލް-މުރުތަޟާ ވިދާޅުވީ، މިއީ އިސްލާމީ އުސޫލުތަކުގެ ދަށުން އިންސާނިއްޔަތަށްޓަކައި އަދި ޔަމަނުގެ ރައްޔިތުންގެ މެދުގައި ސުލްހަ ޤާއިމުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މި އަދަދާއެކު ހަނގުރާމަ ފެށުނު ފަހުން އެ ޖަމާއަތުން އެއްވެސް ބަދަލަކާ ނުލައި އަމިއްލައަށް މިނިވަންކުރި ގައިދީންގެ ޖުމްލަ އަދަދު 2,612 އަށް އަރާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.


