ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ގޮއްވާލި ދެ ބެލިސްޓިކް މިސައިލެއްގެ ބައިތައް މައްކާ ސަރަހައްދަށް ވެއްޓި، މާތްވެގެންވާ މަސްޖިދުލް ޙަރާމާ އެންމެ 21 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދަކަށްވެސް މިސައިލުގެ ބައިތައް ވެއްޓިފައިވާ ކަމަށް ސައުދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ސައުދީ ދައުލަތުގެ ޓީވީން ހާމަކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުގެ ހުޅަނގު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މި ދެ މިސައިލް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލާފައެވެ. މި ހާދިސާގައި މިސައިލްގެ ބައިތައް ވެއްޓިފައިވަނީ މަސްޖިދުލް ޙަރާމުގެ އިތުރުން ގާތްގަނޑަކަށް 35 ކިލޯމީޓަރު ދުރުގައި އޮންނަ ސަބޫހާ އަވަށާއި، ހަރަމްފުޅުގެ އިރުން 21 ކިލޯމީޓަރު ދުރުގައި އޮންނަ ވާދީ އަލް-މަޣްމަސް ސަރަހައްދަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ބުނެއެވެ.
ޔަމަނުގައި ގާނޫނީ ސަރުކާރު އަލުން ގާއިމުކުރުމަށް މަސައްކަތްކުރާ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ސައުދީގެ ރިޔާޟާއި، މައްކާ އަދި ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ތިން ކްރޫޒް މިސައިލާއި ހަތަރު ޑްރޯން ވެސް ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ހުއްޓުވައި ނައްތާލާފައެވެ.
މި ހަމަލާތައް އައިސްފައިވަނީ ސައުދީ އަރަބިއްޔާއާއި އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ސައުދީން ކުރާ ތުހުމަތުތައް ހޫތީން ތަކުރާރުކޮށް ދޮގުކުރަމުން ބުނަމުންދަނީ، އެ ޖަމާއަތުގެ އޮޕަރޭޝަންތައް އަމާޒުކުރަނީ ސައުދީ އަރަބިއްޔާގެ އެހެން ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި އިސްތިރާޖީ މަރުކަޒުތަކަށް އެކަނި ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް އަޅުކަމަށް ޒިޔާރަތްކުރާ މައްކާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.






