ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ވަނީ، މިއީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުން ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ގާނޫނުތަކާ ހިލާފު ކުށްވެރި އަމަލެއް ކަމަށެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވެ، ސަރަހައްދުގެ އަމަންއާމާނާއި ސަލާމަތަށް ނުރައްކާވާގޮތަށް މަދަނީ އަދި އިދާރީ މުހިންމު ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ އުދުވާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރު ސާބިތުވެ ތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުންވަނީ ދީފައެވެ. އަދި ސައުދީގެ ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށްވެސް މި ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.




