ޔަމަނުގެ ތާއިޒް ޕްރޮވިންސަށް ހޫޘީ ހަނގުރާމަވެރިން އަޅާފައިވާ ހުރަސްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް އުވާލުމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ ގޮވާލައްވައިފިއެވެ.
އަރަބި ލީގުގެ ވެރިޔާ މިކަމަށް ގޮވާލެއްވީ އިޖުތިމާއީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ވަނީ، ހޫޘީންގެ ހިސޯރުކުރުމުގެ ސަބަބުން ތާއިޒްގެ ސިއްހީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާތީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ތާއިޒްގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެލާއި، އޮކްސިޖަނާއި، ބޭހުގެ އިތުރުން މެޑިކަލް ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަކެތި ނުލިބުމުގެ ސަބަބުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށާއި، ހާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި އަލަށް އުފަންވާ ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އިންކިއުބޭޓަރުތަކުގެ ހިދުމަތް ހުއްޓިދާނެ ކަމުގެ އިންޒާރުވެސް ފަހުމީ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އިންސާނީ އެހީތެރިކަމާއި ޒަރޫރީ ސާމާނު އެ ސަހަރަށް ވެއްދުމަށް ހޫޘީން އަޅާފައިވާ ހުރިހާ ހުރަސްތަކެއް ވަގުތުން އުވާލުމަށް އަރަބި ލީގުން ވަނީ ގޮވާލާފައެވެ. އަދި ބަލިމީހުންނާއި މެޑިކަލް އެހީ ފޯރުކޮށްދޭ ޓީމުތަކަށް އެއްވެސް ނުރައްކަލެއް ނެތި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އަމާން މަގެއް ކަށަވަރުކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ފަހުމީގެ ބަޔާން ނިންމަވާލައްވަމުން ވަނީ، މި ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ގޮތުން ނުކުންނަ ނޭދެވޭ އަދި ނުރައްކާތެރި ނަތީޖާތަކުގެ ޒިންމާ އެކަން ކުރާ ފަރާތްތަކުން އުފުލަންޖެހޭނެ ކަމަށާއި، އެ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށްވެސް ފާހަގަކުރައްވާފައެވެ.




