ޔަމަނުގެ ވެރިރަށް ޞަންޢާގެ އައްޘައުރާ ޑިސްޓްރިކްޓްގެ އައްނަހްޟާ އަވަށުގައި ހުންނަ "އޯފަން ޑިވެލޮޕްމަންޓް ފައުންޑޭޝަން" (ޔަތީމުންގެ ތަރައްޤީއާ ބެހޭ ފައުންޑޭޝަން) ގެ ފައިވާނާއި ފޭރާން އުފައްދާ ފެކްޓަރީއަށް ސަޢޫދީ ކޯލިޝަންގެ މަތިންދާބޯޓުތަކުން އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.
ރޭ ފަތިހު ދިން މި ހަމަލާތަކުގައި އެ ފެކްޓަރީގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އުފެއްދުންތެރިކަމުގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓިފައެވެ.
މިއީ މި ހަފުތާގެ ތެރޭގައި މި ފެކްޓަރީއަށް ސަޢޫދީން ހަމަލާދިން ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ވެސް މި ފެކްޓަރީއަށް ދިން ވައިގެ ހަމަލާތަކެއްގައި ފެކްޓަރީގައި މަސައްކަތްކުރަމުންދިޔަ 9 މީހަކު ޒަޚަމްވެ، ފެކްޓަރީގެ ބޮޑު ބައެއް ވަނީ ބިމާ ހަމަވެފައެވެ.
މި ހަމަލާގައި ސަލާމަތްވި މުވައްޒަފަކު ޔަމަނުގެ މީޑިއާތަކަށް ބުނި ގޮތުގައި، އެ ތަނަކީ ހަމައެކަނި އާންމުންނަށް ފައިވާނާއި އަންނައުނު އުފައްދާ ތަނެއް ކަމަށާއި، އެ ސަރަޙައްދުގައި އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ ހަރަކާތެއް ނޯންނާނެއެވެ.




