ޔަމަނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ތަޢިއްޒުގެ އަލް-ޝަމާޔަތައިން ޑިސްޓްރިކްޓްގެ ބަނީ ޝައިބާ އަލް-ޝަރުޤް ސަރަޙައްދުގައި އޮންނަ އަލް-ސަބްތު މާރުކޭޓަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. ހަބަރުތައް ބުނާ ގޮތުގައި، ސަޢޫދީން އިސްވެ އޮވެ ދިން މި ވައިގެ ހަމަލާތައް އަމާޒުވެފައި ވަނީ އާންމުން ވިޔަފާރިކުރުމަށް އެއްވެ އުޅޭ ކާރޫބާރޫ ބޮޑު މާރުކޭޓަށެވެ.

މި ހަމަލާގައި މިހާތަނަށް 12 މީހުން މަރުވެފައިވާކަން ކަށަވަރު ވާއިރު، ގިނަބަޔަކު ޒަހަމް ވެފައިވާ ކަމަށް މަސްދަރުތައް ބުނެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މަދުވެގެން 14 މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައި ވެއެވެ.

މި ހަމަލާގެ ސަބަބުން މާރުކޭޓުގެ ބޮޑު ބައެއް ހަލާކުވެ، ޢާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ޕްރޮވިންސްގެ އެކި މާރުކޭޓުތަކަށް މިފަދަ ނުރައްކާތެރި ހަމަލާތައް އަމާޒުވުން އިތުރުވެފައިވާކަން ބައިނަލްއަޤްވާމީ މީޑިއާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.