ޔަމަނުގެ ޙޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް މިއަދު ފަތިހު ފޮނުވާލި ތިން ބެލިސްޓިކް މިސައިލެއް، ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބުކޮށްލައިފިއެވެ. ފަތިހު ރިޔާޟްގެ އުޑުމަތިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުނު އިރު، ސައުދީގެ ސިވިލް ޑިފެންސް އިދާރާއިން ވަނީ ވައިގެ ހަމަލާއެއްގެ ނުރައްކާ އޮތް ކަމުގެ ކުއްލި އިންޒާރު ރައްޔިތުންނަށް ދީފައެވެ. ނަމަވެސް މިސައިލްތައް ހުއްޓުވުމާއެކު ކުޑަ މިނެޓުކޮޅެއްގެ ތެރޭގައި ނުރައްކާ ފިލައިގެން ހިނގައްޖެ ކަމަށް އެ އިދާރާއިން އިއުލާންކުރިއެވެ.
މިއީ ރިޔާޟްގައި ވިދިވިދިގެން ތިންވަނަ ރޭ ކުއްލި ނުރައްކަލުގެ އިންޒާރު ނެރުނު ފަހަރެވެ. މީގެ ދެ ދުވަސް ކުރިން ޙޫޘީން ދިން މިސައިލް ހަމަލާއެއްގައި ރިޔާޟްގެ މާލީ މަރުކަޒުގައި ހުންނަ އެންމެ އުސް އިމާރާތް ކަމަށްވާ 'ޕަބްލިކް އިންވެސްޓްމަންޓް ފަންޑް ޓަވަރު' އަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހޮނިހިރު ދުވަހުގެ މި ހަމަލާގެ އިތުރުން، ސައުދީގެ ދެކުނު ސަރަހައްދަށް ޙޫޘީން ފޮނުވާލި ޑްރޯނެއްވެސް ކޯލިޝަނުން ވަނީ ވައްޓާލާފައެވެ. އަދި ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ސައުދީގެ އެކި ސަރަހައްދުތަކުގައި އަށް ފަހަރެއްގެ މަތިން ކުއްލި އެލާޓް އައެވެ.
މި ހަމަލާތައް އިތުރުވެފައި މިވަނީ ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ ރަތް ކަނޑުގެ ހުދައިދާ ބަނދަރަށާއި ވެރިރަށް ސަންއާގެ އަސްކަރީ އަމާޒުތަކަށް ސައުދީ ކޯލިޝަނުން ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، ހުދައިދާ ބަނދަރަށް ހަމަލާދިނީ އެތަނަކީ ޙޫޘީން ހަތިޔާރާއި ބެލިސްޓިކް މިސައިލް އެތެރެކޮށް ގެންގުޅުމަށް ބޭނުންކުރާ މަރުކަޒަކަށް ވާތީ ކަމަށެވެ.



