އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިންނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ޤަޞްދުގައި ޙަމަލާދެމުންދާ ކަމަށް ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ތުހުމަތުކޮށްފިއެވެ. އެ ޖަމާޢަތުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޣައްޒާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ސިލްސިލާ ޙަމަލާތަކެއް ދެމުންދާ ކަމަށެވެ.
މިފަދަ ޙަމަލާތަކުގެ ސަބަބުން އެހީދޭ ޖަމާޢަތްތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެހީތެރިންގެ ފުރާނައަށް ނުރައްކާވުމުގެ ސަބަބުން، ބައެއް ސަރަޙައްދުތަކަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ޔޫރޯ-މެޑްއިން ފާހަގަކުރި ގޮތުގައި، އެހީދޭ މަސައްކަތްތެރިންގެ އުޅަނދުތަކާއި މަރުކަޒުތަކަކީ ހަނގުރާމައިގެ ޤާނޫނުތަކުގެ ދަށުން ޙިމާޔަތް ލިބިގެންވާ ތަންތަނެވެ. އެހެންކަމުން، އެ ފަރާތްތަކަށް އަމާޒުކޮށް ޙަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އެ ޖަމާޢަތުން ވަނީ ސިފަކޮށްފައެވެ.
މި ޖަރީމާތައް މިނިވަންކަމާއެކު ތަޙުޤީޤު ކުރުމަށާއި، އެހީތެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އެޅުމަށް އެ ޖަމާޢަތުން ވަނީ ގޮވާލާފައެވެ.



