ކުވައިތުގައި ދިން ޑްރޯން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތުން މަރުވި ހާދިސާގެ ފަހަތުގައި ވަނީ އިރާން ކަމަށް ކުރެވޭ ތުހުމަތުތައް އިރާނު ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. އިރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވައިތުގެ ސަރަހައްދަށް އެއްވެސް ޑްރޯން ހަމަލާއެއް އިރާނު އަސްކަރިއްޔާއިން ދީފައި ނުވާނެ ކަމަށާއި، މިއީ ސަރަހައްދީ މަޝްރަހު އިތުރަށް ހޫނުކުރުމަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކުވައިތުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޑްރޯން ހަމަލާއެއްގެ ބައިތައް ވެއްޓުމުގެ ސަބަބުން ކުވައިތުގައި މަސައްކަތްކުރަމުންދިޔަ އިޓަލީގެ ދެ ރައްޔިތުން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވަނީ އެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ކުވައިތުގެ އިދާރާތަކަށް ގޮވާލާފައެވެ.

އިރާނުގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ގަލްފުގެ އަރަބި ގައުމުތައް ވެއްދުމަށް އިސްރާއީލުން ދަނީ ސިއްރު ރޭވުންތަކެއް ރާވަމުންނެވެ. ނަމަވެސް އިރާނުން ބޭނުންވަނީ އަވަށްޓެރި އިސްލާމީ ގައުމުތަކާއެކު އޮންނަ ސުލްހަވެރި ގުޅުން ދެމެހެއްޓުމަށް ކަމަށް އެ ގައުމުން ބުނެއެވެ.