ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދު 700,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ލީކުވެފައިވާ ސަރުކާރުގެ ޑޭޓާތައް ދިރާސާކުރުމަށްފަހު މިނިވަން ރަޝިޔާ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި އަދަދުގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި ގެއްލިފައިވާ ސިފައިންވެސް ހިމެނެއެވެ.
މި ސިއްރު މަޢުލޫމާތުތައް ހޯދާފައިވަނީ ބެލަރޫސް އާއި ޔޫކްރެއިންގެ ހެކަރުން ރަޝިޔާގެ ތަފާސްހިސާބާބެހޭ އިދާރާގެ ނިޒާމުތަކަށް ވަދެގެންނެވެ. މީގެ ކުރިން ލީކުވި ޑޭޓާތަކުން 500,000 ސިފައިން މަރުވެފައިވާ ކަމަށް ބެލެވުނު ނަމަވެސް، އައު ލިޔެކިޔުންތަކާއެކު މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ރަޝިޔާ ސަރުކާރުން ހަނގުރާމައިގައި މަރުވާ ސިފައިންގެ ޙަޤީޤީ އަދަދު އާންމުންނަށް ސިއްރުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ޕެންޝަން ރެކޯޑުތަކާއި މަރުގެ ސެޓްފިކެޓްތަކުގެ ޑޭޓާއިން މޮސްކޯއަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް މިހާރު ވަނީ ފަޅާއަރާފައެވެ.
ހަނގުރާމަ ފަސްވަނަ އަހަރަށް ދިގުލައިގެން ގޮސްފައިވާއިރު، މިހާ ގިނަ އަދަދެއްގެ ޒުވާނުން މަރުވުމުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށާއި މަސައްކަތްތެރިންގެ ބާޒާރަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައެވެ.



