ނޭޓޯއާއި ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމެއް ކަމަށްވާ އެސްޓޯނިއާއިން ރަޝިޔާއާ ދެކޮޅަށް "އަދާވާތްތެރި" އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، އެ ގައުމާއެކު "ފާޅުކަން ބޮޑު ހަނގުރާމައެއް" ފެށިދާނެ ކަމުގެ ވަރުގަދަ އިންޒާރު ރަޝިޔާއިން އިއްޔެ ދީފިއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެސްޓޯނިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށެވެ.
ރަޝިޔާގެ މި ރުޅިވެރިކަން އިތުރުވެފައިވަނީ، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަދުވެގެން ހަމަސް ދުވަހުގެ މުއްދަތަށް ރަޝިޔާއާއެކު އޮންނަ އެއްގަމު ބޯޑަރުތައް، ނާރްވާ ކޯރު ހުރަސްކުރާ ބޯޑަރާއެކު ބަންދުކުރަން އެސްޓޯނިއާއިން ނިންމުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މޮސްކޯގައި ހުންނަވާ އެސްޓޯނިއާގެ ޑިޕްލޮމެޓް ވުޒާރާއަށް ހާޒިރުކޮށް ރަސްމީކޮށް އިހުތިޖާޖުކޮށްފައެވެ.
ރަޝިޔާއިން ވަނީ އެސްޓޯނިއާގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ރަޝިޔާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް ހަމަލާދިނުމަށް ޔޫކްރެއިންގެ ޑްރޯންތަކަށް އެސްޓޯނިއާއިން ސިއްރިޔާތުގައި ހުއްދަ ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ބޯލްޓިކް ކަނޑުގައި ރަޝިޔާގެ މުދާ އުފުލާ ބޯޓުތަކަށް ހުރަސްއެޅުމާއި، އެސްޓޯނިއާގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނާމެދު ތަފާތުކުރާ ކަމަށްވެސް މޮސްކޯއިން ތުހުމަތުކުރެއެވެ.
އެސްޓޯނިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ރަޝިޔާގެ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އެސްޓޯނިއާއިން ބޯޑަރު ބަންދުކުރަން ނިންމީ، އެ ގައުމުގެ ދިފާއީ ކުންފުންޏެއްގައި ރޯކޮށްލުމަށް ރަޝިޔާގެ ޖާސޫސީ އިދާރާއިން މަސައްކަތް ކުރިކަމަށް ބުނެއެވެ. މި ނުތަނަވަސްކަމާ ގުޅިގެން ނޭޓޯއިން ބުނެފައިވަނީ ބޯލްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މެންބަރު ގައުމުތައް ދިފާއުކުރުމަށް ނޭޓޯ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.



