އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި އދ. ގެ ފަލަސްޠީނު ރެފިއުޖީންނާބެހޭ އެޖެންސީ (ޔޫ.އެން.ޑަބްލިޔޫ.އާރް.ސީ) ގެ މުވައްޒަފަކާއެކު ފަލަސްޠީނުގެ ހަތަރު ރައްޔިތުން ޝަހީދުވެއްޖެއެވެ. ޝަހީދުވި އުންރުވާގެ މުވައްޒަފަކީ ޢާދިލް އަލް-ޙިލޫ ނަމަކަށް ކިޔާ، އެ އެޖެންސީގައި މެދުނުކެނޑި 35 އަހަރު ވަންދެން އިންސާނީ ޚިދުމަތް ކޮށްދީފައިވާ ތަޖުރިބާކާރު މުވައްޒަފެކެވެ.
ޣައްޒާގެ މެޑިކަލް އޮފިޝަލުންނާއި އުންރުވާއިން މައުލޫމާތު ދޭ ގޮތުގައި، ޢާދިލް ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ އަލް-ތައުބާ ސަރަހައްދުގައި ހުންނަ ފެންވަޅެއް ކައިރީގައި އާންމުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޑިއުޓީގައި އުޅެނިކޮށް ދިން ޑްރޯން ހަމަލާއެއްގައެވެ. ހަމަލާ ދިން ވަގުތު އޭނާ ހުރީ އުންރުވާގެ މުވައްޒަފެއްކަން އެނގޭ ގޮތަށް ރަސްމީ ވެސްޓް ލައިގެން ކަމަށާއި، މި ހަމަލާގައި އިތުރު ތިން މީހަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
އިއްޔެ ހަވީރު ހުޅަނގު ޣައްޒާ ސިޓީގައި ދުއްވާފައިދިޔަ އާންމު އުޅަނދަކަށް އިސްރާއީލުން ދިން އެހެން ވައިގެ ހަމަލާއެއްގައިވެސް ދެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަސްދާ ސަރަހައްދަށާއި ޒައިނީ މަގަށް އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ޙަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކުހެން އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 1,679 މީހުން ޝަހީދުވެ، 6,095 މީހުން ޒަޚަމްވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 74,742 އަށް އަރާފައެވެ.



