ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އައު ބިލުގެ ދަށުން، ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ (ޑުއަލް ޕާސްޕޯޓު ގެންގުޅޭ) ނުވަތަ އެހެން ގައުމެއްގެ ޕާސްޕޯޓެއް ބޭނުންކުރާ ހާލަތުގައި ވެސް، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެއަށް އެތެރެނުވެވޭނެކަން ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިމިގްރޭޝަން ބިލުގެ ބަހުސްގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލާ މި ބިލު ގުޅުވައިގެން ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތް ގޯސްނަމަ އެފަދަ ފުރުސަތެއް މި ބިލުގައި ފަހިކުރީސް ކަމަށާއި، ނަމަވެސް މި ޤާނޫނު އެކުލަވާލާފައިވަނީ ރާއްޖޭގެ އެއްވެސް ފުރުސަތަކުން އިޒްރޭލުގެ ރައްޔިތުންނަށް މަންފާ ހޯދުމުގެ ޖާގަ ނުދިނުމުގެ މަތިވެރި މަޤްޞަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބިލުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މީގެ ކުރިން އިމިގްރޭޝަން ޤާނޫނަށް ވަގުތީ ބަދަލުތަކެއް ގެންނަމުން ދިޔަ ނަމަވެސް، މި ބިލަކީ މި މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދައިދިނުމަށް އިހްލާސްތެރިކަމާއެކު ހުށަހެޅިފައިވާ ބިލެއް ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަކަން ފާހަގަކުރައްވައި، އެމަނިކުފާނު އެންމެ ފުރަތަމަ ވެސް އިސްކަންދެއްވީ އެ މައްސަލަ ހައްލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކުގައި ބިދޭސީންގެ މައްސަލައިގައި ގެންގުޅުނު ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަޢަދަދާއި މަޢުލޫމާތު ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިމިގްރޭޝަނަކީ ވަކި މަދަނީ ހިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި، މަގާމުން ވަކިކުރުމާއި އިސްތިޢުފާ ދިނުމުގެ އިޖުރާއާތުތަކުގެ އިތުރުން މުސާރައާއި ޢިނާޔަތްތައް މި ބިލުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން ރާއްޖެއަށް އެތެރެވުމުގެ އުސޫލުތަކާއި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




