އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ އައު ރައީސަކު އަންގާރަ ދުވަހު އިންތިހާބުކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުގެ ބާރުތަކަށް ބޮޑު ލޮޅުމެއް އަރުވައިފިއެވެ. މި ބަދަލާއެކު ގާނޫނުތައް ހެދުމުގެ އެޖެންޑާ ކަނޑައެޅުމުގެ ފުރިހަމަ ކޮންޓްރޯލް އިދިކޮޅު ފަރާތްތަކަށް ވަނީ ލިބިގެން ގޮސްފައެވެ.
ކްނެސެޓްގެ 26 ވަނަ ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ގާދީ އައިސެންކޮޓްގެ 'ޔަޝާރް' ޕާޓީގެ މެންބަރު މަތާން ކަހާނާއެވެ. އޭނާ މި މަގާމަށް އިންތިހާބުވީ ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ނިސްބަތްވާ އާމިރު އޮހާނާގެ ބަދަލުގައެވެ. މަޖިލީހުގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، ވަކިވަކިން ނެގި ވޯޓުގައި ކަހާނާއަށް 66 މެންބަރުންގެ ތާއީދު ލިބުނުއިރު، ލިކުޑް ޕާޓީގެ ފަރާތުން ވާދަކުރެއްވި އޮފީރް ކަޓްޒަށް ލިބުނީ 52 މެންބަރުންގެ ވޯޓެވެ.
މިއީ އޮކްޓޫބަރު 27 ގައި ބޭއްވި އިންތިޚާބުގައި ނަތަންޔާހޫއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނު ފަހުން، އައިސެންކޮޓްގެ އިސްނެގުމުގެ ދަށުން އުފެދިފައިވާ އިއްތިހާދުން ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ. ޖުމްލަ 120 ގޮނޑި ހިމެނޭ މަޖިލީހުން ނަތަންޔާހޫގެ ކޯލިޝަނަށް ލިބުނީ އެންމެ 53 ގޮނޑިއެވެ. އޭގެ އިދިކޮޅަށް، އިދިކޮޅު ފަރާތްތަކުން ވަނީ 67 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޔަހޫދީ ހަތަރު ޕާޓީއެއްގެ 48 ގޮނޑިއާއި، އަރަބި ދެ ޕާޓީއެއް ކަމަށްވާ ޖޮއިންޓް ލިސްޓް އަދި ރާމް ހިމެނޭ ގޮތަށް 19 ގޮނޑި ހިމެނެއެވެ.
އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް އިސާކް ހެރްޒޮގް ވަނީ އައިސެންކޮޓްއާ ހަވާލުކުރައްވާފައެވެ. ސަރުކާރު އެކުލަވާލުމަށް އަދި ހަތަރު ހަފުތާއެއްހާ ދުވަސް އޮތް ނަމަވެސް، މަޖިލީހުގެ ކޮންޓްރޯލް ހޯދުމަކީ ނަތަންޔާހޫގެ ވަގުތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބުނު ބާރެކެވެ. އައިސެންކޮޓް ވިދާޅުވީ ކަހާނާ އިންތިޚާބުވުމަކީ ބަދަލަކަށް ވޯޓު ދިން އަޣުލަބިއްޔަތު ރައްޔިތުންގެ ނިންމުން ދައްކުވައިދޭ ޑިމޮކްރެޓިކް ފިޔަވަޅެއް ކަމަށެވެ.
މަޖިލީހުގެ މާލީ އަދި ދިފާއީ ކަންކަމާ ބެހޭ މުހިންމު ކޮމިޓީތަކުގެ ޗެއާޕާސަންގެ މަގާމުތައް ވެސް މިހާރު ވަނީ އިދިކޮޅު ފަރާތްތަކުން ހޯދާފައެވެ. އެގޮތުން ޚާރިޖީ އަދި ދިފާއީ ކޮމިޓީގެ ޗެއާޕާސަން އަވިގްދޯރް ލިބަރމަން ވަނީ ސަލާމަތީ ބާރުތަކުގެ އިސްވެރިން މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރާނެ ކަމަށް އިއުލާނުކުރައްވާފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ނަތަންޔާހޫ ގެނައި ޝަރުއީ ނިޒާމުގެ އިސްލާހުތައް އުވާލުމަށާއި، 2023 އޮކްޓޫބަރު 7 ގެ ހާދިސާތައް ތަހުގީގުކުރުމަށް ދައުލަތުގެ މިނިވަން ކޮމިޝަނެއް ހެދުމަށް އިދިކޮޅު އިއްތިހާދުން ވަނީ ނިންމާފައެވެ.
ނަތަންޔާހޫގެ ލިކުޑް ޕާޓީން ވަނީ ކަހާނާ އިންތިޚާބުވީ އަރަބި ޕާޓީތަކުގެ ތާއީދާއެކު ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. ވޯޓުލުމުގެ ތެރޭގައި ލިކުޑް ޕާޓީގެ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރިއިރު، އެ ޕާޓީން އެ ނިންމުން ސިފަކުރީ މަޖިލީހުގެ ތާރީޚުގައި ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައެވެ.
މަޖިލީހުގެ ރިޔާސަތު ލިބުނު ނަމަވެސް، ނަތަންޔާހޫގެ ބަދަލުގައި އައު ސަރުކާރެއް އެކުލަވާލުމުގައި އައިސެންކޮޓްއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޔަހޫދީ ހަތަރު ޕާޓީއާއެކު އަރަބި ޕާޓީތަކުގެ ބޭރުން ލިބޭ ތާއީދާއެކު މައިނޯރިޓީ ސަރުކާރެއް އެކުލަވާލަން އޭނާ ބޭނުންވި ނަމަވެސް، ލިބަރމަން ވަނީ އަރަބި ޕާޓީތަކުގެ އެހީތެރިކަން ހޯދުމާ ދެކޮޅު ހައްދަވާފައެވެ. އަދި އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކުގެ ފަރާތުން ވެސް ފުރިހަމަ ޔަގީންކަމެއް އަދި ލިބިފައެއް ނުވެއެވެ. މީގެއިތުރުން ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، ލިކުޑް ޕާޓީއާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް ހެދުމަށް ބުރަވި ނަމަވެސް، ބޮޑުވަޒީރުކަމުގައި ދެމިހުންނަން ނަތަންޔާހޫ ޝަރުތުކުރާތީ އެ މަގު ވެސް ވަނީ ބެދިފައެވެ.



