އިސްރާއީލުން ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް، ބޭސްފަރުވާއަށް ބޭރު ޤައުމުތަކަށް ދިއުމަށް ހުރަސްއަޅަމުންދާތީ، ފަރުވާއަށް ދިއުމުގެ ހުއްދައަށް އިންތިޒާރު ކުރަނިކޮށް މިހާތަނަށް ޣައްޒާގެ 300 ކުޑަކުދިން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މަރުވި 300 ކުޑަކުދިންގެ ތެރޭގައި ކެންސަރު ބަލީގެ 90 ކުދިން ހިމެނެއެވެ. އަދި ބޭރުން ފަރުވާ ހޯދުމަށް އިންތިޒާރު ކުރަމުންދަނިކޮށް މަރުވާ މީހުންގެ 40 އިންސައްތައަކީ ކެންސަރު ބަލީގެ މީހުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި ބޭހާއި ޞިއްޙީ ސާމާނު ހުސްވެފައިވުމުގެ ސަބަބުން، ގިނަ ބަލިމީހުންނަށް ޣައްޒާގެ އެތެރެއިން ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ބުނެއެވެ. ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މެޑިކަލް ރިފަރަލް ފުރިހަމަކޮށް ބޭރަށް ދިއުމުގެ ހުއްދައަށް އިންތިޒާރުކުރާ 21،000 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ޣައްޒާގައި އެބަތިއްބެވެ. މީގެ ތެރޭގައި 5،200 ކުޑަކުދިންނާއި 2،800 ކެންސަރު ބަލީގެ މީހުން ހިމެނޭއިރު، 161 އަށްވުރެ ގިނަ މީހުންނަކީ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ބޭރަށް ގެންދަންޖެހިފައިވާ ހާލު ދެރަ ބަލިމީހުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި ފަލަސްޠީނުގެ ރެޑް ކްރެސެންޓް ގުޅިގެން ރަފަޙް ބޯޑަރު ހުރަސްކޮށް މަދު އަދަދެއްގެ ބަލިމީހުން ބޭރަށް ގެންދެވުނު ނަމަވެސް، އިސްރާއީލުގެ ހަރުކަށި އުޞޫލުތަކުގެ ސަބަބުން އެކަން ކުރިއަށްދަނީ ވަރަށް ލަހުންނެވެ. އެހެންކަމުން، އިތުރު ފުރާނަތަކެއް ގެއްލުމުގެ ކުރިން، އެއްވެސް ހުރަހެއް ނެތި ބަލިމީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ރަފަޙް ބޯޑަރު ހުޅުވައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލަށް ބާރުއެޅުމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.



