ގައްޒާގެ ދެކުނުގައިވާ ހާން ޔޫނިސްގެ އަލްމަވާސީ ސަރަޙައްދަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ދިން ވައިގެ ހަމަލާއެއްގައި، ޙަމާސްގެ ރަފަޙް ބްރިގޭޑުގެ ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް ޝަހީދުވެއްޖެކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާއި ޝިން ބެޓް ޖާސޫސީ އިދާރާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ޚާން ޔޫނިސްއަށް ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާއަކީ ޙަމާސްގެ އަސްކަރީ އިސް ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުންދިޔަ ފޭލިގެއަކަށް އަމާޒުވި މި ހަމަލާގައި ސަމީރު އަބޫ ޔޫނިސް ޝަހީދުވުމުގެ އިތުރުން އިތުރު ދެ މީހަކު ވަނީ ޒަހަމްވެފައެވެ.
މި ހަމަލާގައި ޒަހަމްވި މީހުންނާއި ޝަހީދުވި ކޮމާންޑަރުގެ ހަށިގަނޑު ވަނީ ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފައެވެ. މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ އަލްމަވާސީއަކީ އިންސާނީ އެހީގެ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި އިސްރާއީލުން ކުރިން ކަނޑައަޅާފައިވާ ތަނަކަށް ވީނަމަވެސް، އިސްރާއީލުން ދަނީ ތަކުރާރުކޮށް އެ ސަރަޙައްދަށް ބޮންއަޅަމުންނެވެ.
ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ހާމަކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޔަހޫދީންގެ ހަމަލާތަކުގައި 16 މީހުން ޝަހީދުވެ، 68 މީހުން ވަނީ ޒަހަމްވެފައެވެ.
މީގެއިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 74,695 މީހުން ޝަހީދުވެ، 176,093 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ފިނި މޫސުން ފެށުމާއެކު ފިނީގެ ސަބަބުން މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ފިނިހޫނުމިން މާބޮޑަށް ދަށްވުމުގެ ސަބަބުން ދާދިފަހުން ނިޔާވި 9 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.



