ޣައްޒާ ސިޓީއަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޣައްޒާ ސިޓީގެ އާންމުން ދިރިއުޅޭ ސަރަޙައްދަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައެވެ. މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާގައި އެކަކު ޝަހީދުވެފައިވާއިރު، އަނިޔާވި މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލްތަކުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިފަދަ ހަމަލާތަކުގެ ސަބަބުން ކުށެއްނެތް އެތައް ފަލަސްތީނު ރައްޔިތުންނެއް ދަނީ ޝަހީދުވަމުންނެވެ.
މި ހަމަލާއާ ގުޅިގެން ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނެފައިވަނީ، އިސްރާއީލުގެ މެދުކެނޑުމެއްނެތް ހަމަލާތަކުގެ ސަބަބުން ސިއްޙީ ޚިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް ފަލަސްތީނުގެ އޮފިޝަލުން ފާހަގަކުރެއެވެ.



