ވެރިކަމުގައި ދެމިހުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފުރުސަތުތައް ހަނިވަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ސިޔާސީ ވާދަވެރިޔާ ގާދީ އައިޒެންކޮޓްއަށް ބާރުތައް ހިއްސާކުރާ އެއްބަސްވުމެއް (ޕަވަރ ޝެއަރިންގ ޑީލް) ހޮނިހިރު ދުވަހު ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގައި ބޮޑުވަޒީރުކަން ބަދަލުވަމުންދާ އުސޫލުން ފުރަތަމަ ދައުރު އައިޒެންކޮޓްއަށް ދިނުމަށް ތައްޔާރަށް ހުރި ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނެފައިވަނީ، މިއީ އެއްބައިވަންތަކަން ކޮންމެހެން ބޭނުންތެރި ވަގުތެއް ކަމަށެވެ. އަދި އޭނާގެ ލިކޫޑް ޕާޓީއަކީ ޕާލަމެންޓުގައި އެންމެ ބޮޑު ޕާޓީ ކަމަށްވާތީ އިއްތިހާދުގެ ސަރުކާރު އެންމެ ފުރަތަމަ އިސްވެ ހިންގަން ޖެހޭނީ އޭނާ ކަމަށް މީގެ ކުރިން ބުނަމުން ދިޔަ ނަމަވެސް، އެ ހުރިހާ ކަމެއް އެއްފަރާތްކޮށް، ފުރަތަމަ ބޮޑުވަޒީރުކަން އައިޒެންކޮޓްއަށް ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ. ނަތަންޔާހޫގެ ލިކޫޑް ޕާޓީން އޮކްޓޯބަރު 27 ގައި ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު އެ ޕާޓީގެ އިއްތިހާދަށް ލިބިފައެއް ނުވެއެވެ.
މި ހުށަހެޅުމުގެ ދަށުން ނަތަންޔާހޫ މަސައްކަތް ކުރާނީ އަލްޓަނޭޓް ބޮޑުވަޒީރުގެ ގޮތުގައެވެ. ނަމަވެސް އައިޒެންކޮޓްގެ ފުރަތަމަ ދައުރުގެ ދިގުމިނެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަތަންޔާހޫ ބުނީ ލިކޫޑް ޕާޓީ އާއި އައިޒެންކޮޓްގެ ޔަޝާރު ޕާޓީން ވަގުތުން ސީރިއަސް އަދި އަވަސް މަޝްވަރާތަކެއް ފަށަން ޖެހޭ ކަމަށެވެ.
މިވަގުތު އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބޮޑީ އައިޒެންކޮޓްއަށެވެ. އޭނާއަށް ސަރުކާރެއް އެކުލަވާލުމަށް ދެ ހަފުތާގެ މުއްދަތު އިތުރުކޮށްފިނަމަ ޑިސެމްބަރު 20 އާ ހަމައަށް ފުރުސަތު ލިބޭނެ ނަމަވެސް، އަންނަ ހަފުތާގެ ކުރީކޮޅު ޕާލަމެންޓުގެ ވޯޓަކަށް ސަރުކާރުގެ މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އައިޒެންކޮޓް ބުނެފައިވަނީ، އެއްބައިވަންތަކަމަކީ ވަކި މަގާމެއް ލިބުމެއް ނުވަތަ ފުރަތަމަ ދައުރު އަދާކުރުމެއް ނޫން ކަމަށާއި، އެއީ އަސާސްތަކާއި އަގުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ހަފުތާގައި ލިކޫޑް ޕާޓީން އެއްވެސް މާނަހުރި ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރިއެވެ. ނަތަންޔާހޫގެ ވާހަކަތަކަށް ރައްދު ދެމުން އައިޒެންކޮޓް ބުނީ ސިޔާސަތުތަކާ ގުޅޭގޮތުން އަވަސް މަޝްވަރާތައް ފެށުމަށް ތައްޔާރު ކަމަށާއި، ނަމަވެސް މީގެ ހަފުތާއެއް ކުރިން ސިއްރު މަގެއް މެދުވެރިކޮށް އޭނާ ހުށަހެޅި ހުށަހެޅުމަށް ނަތަންޔާހޫ މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. ފަހުން ލިކޫޑް ޕާޓީން ބުނީ ދެ ބޭފުޅުން ވާހަކަދައްކަވައި، އާދީއްތަ ދުވަހުގެ ހެނދުނު ބައްދަލުކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އައިޒެންކޮޓް މިހާރުވެސް ވަނީ ކަނާތުފިޔައިގެ ޔިސްރާއީލް ބެއިތެއިނޫ ޕާޓީ އާއި ވާތުފިޔައިގެ ޑިމޮކްރެޓްސްއާ އެކު ކޯލިޝަން އެއްބަސްވުމެއް ހަދާފައެވެ. އަދި އަލްޓްރާ-އޯތޮޑޮކްސް ޕާޓީއެއް ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑައިޒަމްއާ އެކުވެސް ދަނީ ވާހަކަ ދައްކަމުންނެވެ.
އައިޒެންކޮޓްގެ ސިޔާސީ ބައިވެރިން ނަތަންޔާހޫގެ މި ހުށަހެޅުން ސިފަކުރީ ވަގުތު ހޯދުމަށް ދެއްކި މަޅިއެއްގެ ގޮތުގައެވެ. ޑިމޮކްރެޓްސްގެ ވެރިޔާ ޔައިރް ގޯލާން ބުނީ މިއީ ނަތަންޔާހޫ ބަލިވުމުން ކުޅޭ ކުޅިވަރެއް ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ވިދާޅުވީ މިއީ ނަތަންޔާހޫ އޮޅުވާލުމަށް ކުރި ކަމެއް ކަމަށާއި، އައިޒެންކޮޓްގެ ވެރިކަމެއް ނަތަންޔާހޫ ނުލައި ހުވާކުރުމަށްފަހު ނޫނީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް މަޝްވަރާ ނުކުރުމަށް އޭނާ ހުށަހެޅިއެވެ.
ނަމަވެސް ކުރީގެ އަނެއް ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ނަތަންޔާހޫގެ މި ނިންމުމަށް މަރުހަބާ ކިޔައި، މިއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ. އަދި ނަތަންޔާހޫ ނުލައި ސަރުކާރެއް އެކުލަވާލުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓާލަންޖެހޭ ކަމަށް އޭނާ ބުންޏެވެ. ބެނެޓް މި ފަހުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ފަހަތުގައި އޭނާގެ ދައުރެއް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަނެއްކޮޅުން، އައިޒެންކޮޓްއަށް ސަރުކާރު އެކުލަވާލުމަށް އަރަބި ޕާޓީތަކުގެ ތާއީދުވެސް މުހިންމު ވެގެންދެއެވެ. ރާމް ޕާޓީގެ އަރަބި ލީޑަރު މަންސޫރު އައްބާސް ހޮނިހިރު ދުވަހުގެ ރޭ ޗެނަލް 12 އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޮކްޓޯބަރު 7 ގެ ހާދިސާތައް ތަހުގީގުކުރުމަށް ހުށަހަޅާފައިވާ ބިލުގައި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެއީ ކަނޑައެޅިގެން ނިމިފައިވާ ކަމެއް ކަމަށެވެ. ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައިގަތުމަކީ އައިޒެންކޮޓްގެ ސަރުކާރާ ގުޅުމަށް ކަނޑައަޅާފައިވާ ޝަރުތަކަށް ވުމުން، މިއީ އެ ދެފަރާތުގެ އެއްބާރުލުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ނަތަންޔާހޫގެ މި ހުށަހެޅުމާ މެދު ގިނަ ބަޔަކު ޝައްކު އުފައްދަނީ 2020 ވަނަ އަހަރު ބެނީ ގަންޓްޒްއާ އެކު ހެދި މިފަދަ އެއްބަސްވުމެއްގެ ސަބަބުންނެވެ. އެފަހަރު ބޮޑުވަޒީރުކަން ގަންޓްޒްއާ ހަވާލުކުރަން ޖެހޭ ވަގުތު އައުމުން، ދައުލަތުގެ ބަޖެޓް ފާސްނުކޮށް ގަސްދުގައި ސަރުކާރު ވައްޓާލައި އައު އިންތިޚާބަކަށް މަގުފަހިކުރީ ނަތަންޔާހޫއެވެ.



