ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައިވާ "ޙައްޔުއް ޒައިތޫން" އަވަށަށް އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ކުއްލިއަކަށް ބޮން އަޅައިފި ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ބުނެފިއެވެ. މި ހާދިސާގައި ފަލަސްޠީނުގެ މަދަނީ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ ކަމަށް ޣައްޒާގެ ރަސްމީ މެޑިކަލް މަސްދަރުތަކުން ބުނެއެވެ.
ޣައްޒާގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި، ހަމަލާ އަމާޒުވީ އާންމުން ދިރިއުޅޭ ގެއަކަށް ކަމުން، ވެއްޓިފައިވާ އިމާރާތުގެ ދަށުން ޝަހީދުވި މީހާގެ ހަށިގަނޑު މިހާރު ވަނީ އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އިސްރާއީލުގެ ދިފާޢީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނީ، ޒައިތޫން އަވަށުގެ ތެރޭގައި ހިންގި އަސްކަރީ ކުއްލި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ މަރުކަޒީ ވަސީލަތްތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްޢިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގެ ޒައިތޫން އަވަށަކީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ބަރު ހަތިޔާރުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެ، އެތައް ސަތޭކަ އާއިލާތަކެއް ގެދޮރުދޫކޮށް ދާންޖެހިފައިވާ ނާޒުކު ސަރަހައްދެކެވެ.



