އީރާނުގެ ސަރުކާރު ނައްތާލުމާ ނުވަތަ ވެރިކަން ވައްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި، ނަތަންޔާހޫ ބުނެފައިވަނީ، މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާނުގެ ވެރިކަން ކަމަށާއި، އެ ވެރިކަން ނައްތާލުމަކީ ސަރަހައްދަށް އަމާންކަން ގެނައުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ނަތަންޔާހޫ އިތުރަށް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ހުއްޓުވުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކަކާ ގުޅޭގޮތުން އެމެރިކާގެ ލީޑަރޝިޕާ އެކު އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށެވެ. އަދި އީރާނުގެ ނުފޫޒު ސަރަހައްދުން ނައްތާލުމަށް ބައިނަލްއަގުވާމީ ގޮތުންނާއި އަސްކަރީ ގޮތުން ދެވޭނެ ހަމަލާތަކާއި އެޅޭނެ ފިޔަވަޅުތަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށްވެސް އޭނާ ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށާއި ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ހަމަނުޖެހުން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ކަމަށް އިޒްރޭލުން ފާޅުގައި ބުނުމަކީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ.
އަނެއްކޮޅުން، އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަރުގަދައަށް އަޅާނެ ކަމަށާއި، އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުގެ އެއްވެސް އުދުވާނަކަށް ދޫނުދޭނެ ކަމަށެވެ.



